ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި ބެހޭގޮތުން އޭޝިޔާގެ ޤައުމުތަކުގެ މެދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
މިމަހުގެ ތިނަކުން ފަހަކަށް ނިއުދިއްލީގައި ބާއްވާ، ސަރަޙައްދީ ޤައުމުތަކުގެ ކަމާގުޅުންހުރި ދާއިރާތަކުގެ މިނިސްޓަރުން ބައިވެރިވާ މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ޚާއްޞަ ބަޔާނެއް ދެއްވާނެއެވެ.
އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް ދެއްވި އިންޓަރވިއުއްގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ ކާރިސާތަކުން ރައްކާތެރިވުމާއި ލިބޭ ގެއްލުން ކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.