ބޭރުން ދީފާނެ އުދުވާނީ ހަމަލާއަކަށް ދިވެހި އަސްކަރިއްޔާ މިހާރު އޮތީ ފުރިހަމައަށް ތައްޔާރަށްކަން ހާމަކޮށް، ލިބިފައިވާ ހުނަރާއި ތަމްރީނުގެ ބޭނުންހިފައި ކުރިމަތިލާން އަންނަ ބަޔަކަށް ދިވެހި ސިފައިންނަކީ ކިހާވަރެއްގެ ބައެއްކަން އަންގައިދޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
28 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، ނަސްރުގެ ދުވަސް ސިފައިން ފާހަގަކުރައްވަނީ ވަރަށް ޝަރަފްވެރި ދުވަހެއްގެ ގޮތުގައި ކަމަށެވެ. 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް އުދުވާނީ ހަމަލާއެއް އަމާޒުވީ، އެފަދަ ހަމަލާއަކަށް ދިވެހި ސިފައިން އެންމެ ފުރިހަމަ ތައްޔާރުވެފައި ތިބި އިރެއްގައި ނޫންކަމަށާއި، އެދުވަހުވެސް ދިވެހި ސިފައިން އެބޭކަލުންގެ ހުވަޔާއެއްގޮތަށް އެންމެ ފުރިހަމަ ގޮތުގައި ބާޤީންނާއި ކުރިމަތިލާ ގައުމު ސަލާމަތުގެ އައްސޭރިއަށް ގެނެސް ދެއްވިކަމުގައި ޝިޔާމް ވިދާޅުވިއެވެ. މިއަދު ސިފައިންނަކީ ހަނގުރާމަތަކާއި ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ، އެކަމުގެ ތަމްރީނު ހޯއްދަވާފައިވާ ބައެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އޭރިޔާ ކޮމާންޑް ހުޅުވި އެތަންތަނުގައިވެސް ސިފައިން ގާއިމްވެ ތިއްބަވާކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް ފަރާތައް މިހާރުވެސް ދިވެހިންގެ ތެރޭގައި އުޅެމުންދާކަމަށާއި، އެ ފަރާތްތަކާ ގުޅިގެން އުޅޭ ބޭރުގެ ފަރާތްތައްވެސް ތަފާތު ނަންނަމުގައި ދިވެހިންނާ ގުޅެން އުޅޭކަމަށެވެ. ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ކުރިއާ ޚިލާފަށް އެފަދަ މީހުން މިހާރު ޤައުމުތަކާއި ދިމާކުރާނީ ކަނޑިއާ ބަޑި ހިފައިގެން ނޫންކަމަށެވެ. އެހެންކަމުން އެފަދަ ޚާއިނުންނަށް ސަލާމަތީ ބާރުތަކުން ސަމާލުވެ ތިބެން ޖެހޭކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަފުޅުގައި 3 ނޮވެންބަރުގައި ޝަހީދުވި ފަރާތްތަކުގެ ހަނދާން އާކުރެއްވުމާއި އެޝަހީދުން ޤައުމައްޓަކައި ކުރެއްވި މަތިވެރި ޖިހާދަށް އަލިއަލުއްވާލައްވައި، އެކަމުން ދިވެހި ސިފައިން އިބުރަތް ހާސިލު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.