މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް މަަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ، ސަރުކާރުން ހަވާލުވިފަހުން އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިހާރު ކުރިއަށްދާކަން ހާމަކުރައްވާފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓުތައް ޤާއިމްކޮށް ދަނީ ޚިދުމަތްދެމުންނެވެ. މަސްވެރިންނަށް ބޭނުންވާ އައިސް ހޯދަން ދުރަށް ދުއްވަން ނުޖެހޭނެ ގޮތަށް ސަރުކާރުން ވަނީ، މަސްވެރިކަން ކުރާ އެކި ސަރަހައްދުތަކުގައި އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ރާވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް 5 އައިސް ޕްލާންޓެއް ތަރައްޤީކޮށް، އައިސް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓެއްގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
* މ. ވޭވަށު - 60 ޓަނު
* ޅ. ނައިފަރު - 40 ޓަނު
* ލ. މާބައިދޫ - 25 ޓަނު
* ލ. މާވަށް - 10 ޓަނު
* ލ. ހިތަދޫ - 10 ޓަނު
* އއ. އުކުޅަސް - 5 ޓަނު
* ބ. ކުޑަރިކިލު - 5 ޓަނު
މިއައިސް ޕްލާންޓުތައް މިއަހަރުގެ ނިޔަލަށް ނިންމުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ތެރެއިން ބައެއް އައިސްޕްލާންޓުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބައެއް އައިސްޕްލާންޓުތަކުގެ މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ކުރީކޮޅު އިތުރު 11 އައިސްޕްލާންޓެއް ތަރައްޤީކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މިއީ، މުޅިންވެސް 30 ޓަނުގެ އައިސްޕްލާންޓުތަކެވެ.
* ހދ. ކުޅުދުއްފުށި
* ދ. ހުޅުދެލި
* މ. މުލައް
* ގއ. ދާންދޫ
* ކ. ގާފަރު
* ހއ. ދިއްދޫ
* އއ. ރަސްދޫ
* ގދ. ރަތަފަންދޫ
* ގއ. ނިލަންދޫ
* ގއ. ވިލިގިލި
* ށ. ކޮމަންޑޫ
މީގެ ތެރެއިން ކ. ގާފަރަކީ މިހާރުވެސް އައިސްޕްލާންޓެއް ހުރި ރަށެއް ނަމަވެސް އެތަނުގެ އުފެއްދުންތެރިކަން ދަށްވުމާއެކު ސަރުކާރުން ވަނީ، އެރަށުގައި އައު އައިސްޕްލާންޓެއް ތަރައްޤީކުރަން ނިންމާފައެވެ. އަދި މިއީ އެސަރަހައްދުގެ މަސްވެރިންގެ އެދުމުގެ މަތިން ކުރިއަށްދާ މަސައްކަތެއް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ، މިއަންނަ އަހަރު ނިމޭ އައިސްޕްލާންޓުތަކާއިއެކު އައިސް އުފެއްދުމުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވާނެކަން ފާހަގަކޮށްފައެވެ. މިގޮތުން ޖުމްލަ 23 އައިސްޕްލާންޓެއް ތަރައްޤީކޮށް، 630 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ދަނީ މަސްދޯނިތަކުގައި މަސް ފިނިކުރާ ނިޒާމް ޤާއިމް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، މި ނިޒާމު ޤާއިމްކުރި ނަމަވެސް އަދިވެސް މި ނިޒާމު ބޭނުންކުރާ މިންވަރު ރާއްޖޭގެ އުތުރުގެ ރަށްތަކަށްވުރެ ދެކުނުގައި އިތުރު ކަމަށެވެ. އެހެންކަމުން މި އައިސް ޕްލާންޓުތަކުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ހޯދުމަށް މަގުފަހިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.