މެދުއިރުމަތީގެ ޤައުމުތަކުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް އަމިއްލަ ސަލާމަތީ ނިޒާމެއް ޤާއިމް ކުރުމަށް ތާޢީދު ކުރައްވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން، ފަލަސްޠީނުގެ މައްސަލަ އެއްފަރާތް ކޮށްގެން ނުވާނެ ކަމަށާއި އެ މައްސަލައަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީއާއެކު ޤާހިރާގައި ބޭއްވި ބައްދަލުވުމެއްގައި ޝީ ޖިންޕިންގ ވިދާޅުވީ މެދުއިރުމަތީގެ މައްސަަލަތަކުގެ މައްޗަށް ބާރު ފޯރުވާ ބަޔަކަށް ވާން ޖެހޭނީ މެދުއިރުމަތި ކަމަށާއި، ސަރަޙައްދީ މައްސަލަތަކާ ގުޅޭ ނިންމުންތައް ނިންމުމުގެ ފުރުޞަތު އިތުރު ބަޔަކަށް ދީގެން ނުވާނެ ކަމަށެވެ. އޭނާ ވަނީ ޗައިނާއާއި މިޞްރާ ދެ ޤައުމުން އެކުގައި ބާރުގަދަ ޤައުމުތަކުން ގޮތް ނިންމުމާ ދެކޮޅަށް މަސައްކަތްކޮށް، ބާރުގެ ބޭނުން ކޮށްގެން ބަލިކަށި ޤައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުވުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޝީ އިތުރަށް ވިދާޅުވީ މެދުއިރުމަތީގެ އާންމު ސަލާމަތަށް ވަށާޖެހޭ ޙައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ފަލަސްޠީނުގެ މައްސަލައަކީ މެދުއިރުމައްޗާ ވަކި ނުކުރެވޭނެ މައްސަލައެއް ކަމަށާއި، އެ މައްސަލަ އެއް ފަތާތްކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވަނީ އދން މެދުއިރުމަތީގައި ޢަދާ ކުރާ ދައުރަށް ތާއީދު ކުރުމަށް ގޮވާލައްވައިފައެވެ. އަދި ބޭރުގެ ޤައުމުތަކުން މެދުއިރުމަތީގެ ކަންކަމާމެދު ގޮތް ނިންމުމުގައި އެކި ޤައުމަށް އެކި ގޮތަށް ޢަމަލުކުރުން ހުއްޓައިލުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން އިތުރުވެފައިވާއިރު، ޝީ ވިދާޅުވީ ބައިނަލްއަޤްވާމީ ޝިޕިންގ މަގުތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް މެދުއިރުމަތީގެ ޤައުމުތަކާއެކު މަސައްކަތް ކުރުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ.