ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ދައުރުގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ދިޔައިރު 24 ބިލެއްގެ މަސައްކަތް ނިމިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ނިންމައި މެއި 16 އިން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާންޖެހެއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ދައުރުގެ މުއްދަތު ހަމަވިއިރު، ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން މެއި މަހުގެ 31ވަނަ ދުވަހާ ހަމައަށް ދައުރު ވަނީ ދަންމާލާފައެވެ. އަދި ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ، މަޖިލިސް ޗުއްޓީއަށް ނުގޮސް ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދެ ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލިއިރު، 10 ބިލެއްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައިރު، 14 ބިލެއް ހިމެނޭހެން ޖުމްލަ 24 ބިިލުގެ މަސައްކަތް ވަނީ ނިމިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ދެ ދައުރުގެ މަސައްކަތް ނިމުނުއިރު މަޖިލީހުގައި މިވަގުތު ނުނިމި އޮތީ، 23 ބިލެއްގެ މަސައްކަތެވެ. މީގެ ތެރެއިން 21 ބިލެއް ކޮމިޓީ މަރުހަލާގައި އޮތްއިރު، ދެ ބިލު އޮތީ މަޖިލީހުގެ ތަޅުމުގައެވެ.
މިއަހަރުގެ މިހާތަނަށް މަޖިލީހުން ވަނީ، ރައްޔިތުންނާއި ރާއްޖޭގެ އިޤުތިސާދާ ގުޅުންހުރި މުހިންމު ބިލުތަކެއް ފާސްކޮށްފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކާއި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ބޭރުފައިސާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ބިލުގެ އިތުރުން ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ފާހަގަކޮށްލެވެއެވެ.
މަޖިލީހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ދައުރުގެ ތެރޭގައި 2 ޤަރާރެއްގެ މަސައްކަތާއި، ސަރުކާރުން ހުށަހެޅުއްވި 13 މައްސަލައެއްގެ އިތުރުން މެންބަރުން ހުށަހެޅުއްވި 2 މައްސަލައެއްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. އަދި ދެވަނަ ދައުރުގެ ތެރޭގައި 4 ޤަރާރެއްގެ މަސައްކަތާއި، ސަރުކާރުން ހުށަހެޅުއްވި 17 މައްސަލައެއްގެ މަސައްކަތާއި، މެންބަރުން ހުށަހެޅުއްވި ދެ މައްސަލައެއްގެ އިތުރުން ދެ ޕެޓިޝަނެއްގެ މަސައްކަތް މަޖިލީހުން ވަނީ ނިންމާފައެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ ތެރޭގައި ވަޒީރުންނަށް ކުރުމަށް ހުށަހެޅުއްވި 96 ސުވާލެއްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މިހާރު ބާކީ ނުނިމި އޮތީ، 59 ސުވާލެއްގެ މަސައްކަތް ކަމަށް މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މަޖިލީހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި ޗުއްޓީއަށް ދިޔައިރު، މަޖިލީހަށް ހުށަހަޅާފައިވާ 214 މައްސަލައިގެ ތެރެއިން 106 މައްސަލައިގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ. އެކި މަރުހަލާތަކުގައި މިހާރު ނުނިމި އޮތީ، 109 މައްސަލައެވެ.