މ. ކޮޅުފުށި ރިންގް ރޯޑު ހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އާރުޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުމުގައި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ނަޡީމްއެވެ.
މ. ކޮޅުފުށީ ރިންގް ރޯޑްހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 2, 2026
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ… pic.twitter.com/Ulv4D30B0C
ކޮޅުފުށި ރިންގް ރޯޑު ހެދުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައިވަނީ، 720 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ދަށުން ތާރު އަޅައިގެން 3 ކިލޯމީޓަރުގެ ރިންގް ރޯޑެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ.ކޮޅުފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ، ރަށުގެ މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ މަޝްރޫޢުތަކަކީ، ރަށުގެ ޢުމްރާނީ ތަރައްޤީގެ އިތުރުން ރަށުގެ އިޤުތިޞާދާވެސް ގުޅިފައިވާ މުހިންމު މަސައްކަތްތަކެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.