މަސްވެރި އުޅަނދު ފަހަރަށް ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ބުޒާރާއިން މުހިންމު ބަދަލެއް ގެނެސްފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތަށް ލޮޅުން ނާންނަގޮތަށް ކުރިއަށް ގެންދިއުމެވެ. މި މަޤުޞަދުގައި، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުން މަސްވެރިންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ސަރުކާރުން މީގެ ކުރިން ވަނީ ނިންމާފައެވެ.
މެދުއިރުމަތީގެ ހަގުރާމައާއި ގުޅިގެން ތެލުގެ އަގަށް އައިބަދަލާއިގުޅިގެން މިއަހަރުގެ މާޗްމަހުގެ ތެރޭގައި ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ހާއްސަކޮށް ތެލުގެ ސަބްސިޑީ ދަނީ ދޫކުރަމުންނެވެ. މިއީ ސަރުކާރުން 2019 ވަނަ އަހަރުން ފެށިގެން މަސްވެރިކަންކުރާ އުޅަނދުފަހަރަށް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކުމަށް އެކަލަވާލައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ އިތުރުން ދެވޭ ލުޔެއްކަން ފާހަގަކުރަމެވެ.
މެދުއިރުމަތީ ހަގުރާމައާއި ގުޅިގެން ދޫކުރާ ތެލުގެ ސަބްސިޑީއަކީ މިވަގުތު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އެންމެހާ އުޅަނދުފަހަރަށް ދޫކުރަމުންދާ އިނާޔަތެކެވެ. އަދި މިއީ ފަހިހަކަތަ ޕްރޮގްރާމާއި ވަކިން "ފަހިހަކަތަ" ޕޯޓަލުން ރިކުއެސްޓެއް ޕޮނުވުމަކާ ނުލައި ދޫކުރަމުންދާ ސަބްސިޑީއެކެވެ. ނަމަވެސް، ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން އެ ވުޒާރާގެ ޑިއުޓީ އުނިކޮށްފައިވާ ތެޔޮ މަސްވެރި އުޅަނދުފަހަރަށް ދޫކުރުމަށް ބޭނުންކުރަމުންދާ ފަހިހަކަތަ ޕޯޓަލް ބޭނުންކުރުން ލާޒިމްވާގޮތަށް ބަދަލުކުރުމަށް އެ ވުޒާރާއިން މިހާރުވަނީ ނިންމާފައެވެ.
އެހެންކަމުން، އެ ވުޒާރާގެ "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ އުޅަނދުފަހަރުން 15 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
މަސްވެރިންނަށް ޚާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ 4 ސަރަހައްދަކުންނެވެ. އެހެންނަމަވެސް މިހާރު އިތުރު 11 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާއިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދަނީ ދޫކުރަމުންނެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބަލާއިރު މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 17.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯ ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު ދާދި ފަހުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ދެއްކުމުން ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ. މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. މި އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެއެވެ.
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މިއީ، މިފްކޯގެ މިހާރުގެ ސީއީއޯ މުޙައްމަދު އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނީގެ ސެންޓަރުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި މަސްވެރިންނާ ބައްދަލުކުރެއްވުމުންވެސް މަސްވެރިންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތަކެވެ.