ޚަބަރު

ހުއްދަ ނެތި ޑޮލަރު ވިއްކުމުގެ މައްސަލައަކާ ގުޅިގެން ނައިޑް އިންވެސްޓްމެންޓް ބަލާ ފާސްކުރަނީ


  • ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާކަމަށް ތުހުމަތުކުރެވޭ

  • ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ވަނީ ފްރީޒްކޮށްފައި

ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން އޮފީހެއް ބަލާ ފާސްކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާކަމަށެވެ.

އަދި ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ.ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންދާކަމަށެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރުފައިސާގެ ޤާނޫނުގައިވާ ކަންކަން ތަންފީޒުކޮށް ރައްޔިތުންނަށް ހައްޤުތައް ހޯދައިދިނުމުގައި ސަރުކާރުން އެއްވެސް ވަރަކަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ނިންމުތަކުގައި ދެމިތިބެ ރައްޔިތުންގެ ހައްޤުގައި މަސައްކަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭންކިން ނިޒާމަށް ފައިސާ ނުވަދެ، ނުވަތަ ވަންނަ ފައިސާ ބޭންކުތައް ނިޒާމުތަކުގެ ބޭރުން ކަޅު ބާޒާރުގައި މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރުފައިސާ މިންވަރު ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ކަޅު ބާޒާރުން ގަތުމުން މުދަލުގެ އަގު އުފުލިގެންދެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރުފައިސާ ވަކި މިންވަރަކަށް ހިފެހެއްޓިގެންދެއެވެ. ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކާއި އެކު މިމައްސަލައަށް ހައްލުތަކެއް ގެނެވި ރައްޔިތުންނަށް ކަނޑައެޅިފައިވާ ރޭޓުގައި ބޭރުފައިސާ ލިބޭނެ ގޮތް ހެދުމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީގެ ތެރެއިންވެސް ބޭންކިން ނިޒާމަށް ނުވަންނަ ފައިސާ ވެއްދުމަށް ޤާނޫނަށް އިސްލާހުތަކެއް ސަރުކާރުން ދަނީ ގެންނަމުންނެވެ. މިގޮތުން ރާއްޖޭގައި ޚިދުމަތެއްދޭނަމަ އެ ޚިދުމަތަކަށް އަގު ނަގަންވާނީ ރާއްޖޭގައި ޤާއިމްކުރެވިފައި ހުރި ބޭންކެއްގެ ޕީއޯއެސް މެޝިނަކުން ކަމަށް ޕޭމެންޓް ސިސްޓަމްގެ ޤާނޫނަށް ގެނެވުނު އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ވެފައިވާ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުން އަދި އެހެނިހެން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމަށް މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.