ޚަބަރު

ޔުޓިލިޓީ ޙިދުމަތްތައް: އެންމެ ގިނައީ ބިލުކުރުމާއި ގުޅޭ ޝަކުވާތައް


  • ޝަކުވާ ހުށަހެޅުމަށް ރަނގަޅު ނިޒާމެއް އެކުލަވާލާފައިވޭ

  • ޝަކުވާތައް ބަލާ އަވަހަށް ޖަވާބުދާރީވާން އިސްކަންދޭ

ޔުޓިލިޓީ ޙިދުމަތްތަކާއި ގުޅިގެން އެންމެ ގިނައިން ހުށަހަޅަނީ ބިލުކުރުމާއި ގުޅޭ ޝަކުވާތައްކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އެނާޖީ އިންޖިނިއަރ އަޙުމަދު ނައުފަލް ވިދާޅުވީ ފޯނުން ގުޅައިގެންނާއި، ސިޓީ އަދި ވެބްސައިޓުގެ އިތުރުން އީފާސް މެދުވެރިކޮށް އާއްމުންނަށް އެ އޮތޯރިޓީއަށް ޝަކުވާ ހުށަަހެޅޭނެކަމަށެވެ. އޭގެތެރެއިން ކޮންމެ ގޮތަކަށް ޝަކުވާ ހުށަހެޅިނަމަވެސް، އެ ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭކަންކަން ބެލުމަށްފަހު އެ ކަސްޓަމަރަަކަށް ޝަކުވާއާ ގުޅިގެން ނިންމި ގޮތް ސާފުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝަކުވާތައް ބަލާ އަވަހަށް ޖަވާބުދާރީވާން އިސްކަންދޭކަމަށްވެސް ނައުފަލް ވިދާޅުވިއެވެ.

އެ އިދާރާއަށް ހުށަހެޅޭ ޝަކުވާތަކަށް ބަލާއިރު ޔުޓިލިޓީ ޚިދުމަތްތަކާމެދު އާއްމުން އިތުރަށް ހޭލުންތެރިކުރަންޖެހޭކަން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ. އާއްމުންނަށް ދޭ ޚިދުމަތްތައް އެކަށީގެންވާގޮތަށް ފޯރުކޮށްދިނުމުގައި އާއްމުންގެ ހޭލުންތެރިކަމަކީ މުހިންމު ދައުރެއް އަދާކުރާކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިނިސްޓްރީގެ ފަރާތުންވެސް ހޭލުންތެރިކުރަންވެސް އެބަ މަސައްކަތްކުރޭ. ގެއަށް ބޭނުންވާ އާލާތްތައް ޗޫޒްކުރާއިރު އެނަރޖީ އެފިޝިއަންޓް އެއްޗެހި ބޭނުންކުރުމާއި، މިކަހަލަ ކަންކަން އެބަ ހުރި ސަމާލުކަން ދޭންޖެހޭ. އެކަމުން ބިލަށް އަސަރުކުރާނެ." ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އެނާޖީ އިންޖިނިއަރ އަޙުމަދު ނައުފަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޚިދުމަތް ލަސްވުމުގެ ޝަކުވާވެސް ބައެއް ފަހަރު ލިބޭކަމަށެވެ. ޔުޓިލިޓީ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު އަދި ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓިފައިވާ ޚިދުމަތްތަކެއްކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ނައުފަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔުޓިލިޓީ ޚިދުމަތްދޭ ތަންތަން ބަލާ، މޮނިޓަރކުރުމަށް ޔުޓިލިޓީ އޮތޯރިޓީން ކެނޑިނޭޅި މަސައްކަތްކުރާ ކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން އިތުރު އުސޫލްތައް އެކުލަވާލުމާއި، ޚިދުމަތާ ގުޅޭ ކަންކަން ދެފުށް ފެންނަ ނިޒާމެއްގެ ތެރެއަށް ފެއްތުމަށް މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ. އަދި، ކަސްޓަމަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ނިޒާމް އިތުރަށް ފުރިހަމަކުރަމުންދާކަމަށް ވިދާޅުވިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ)އަކީ ދިވެހިރާއްޖޭގައި އާންމު ބޭނުންތަކުގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ބަލަހައްޓަން އުފައްދާފައިވާ ދައުލަތުގެ އިދާރާއެކެވެ. އަދި ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި، ޚިދުމަތް ހޯދާ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގެއިތުރުން، ޝަކުވާ ބެލޭނެ ނިޒާމެއް އޮތުމަކީ މި އޮތޯރިޓީގެ މައިގަނޑު ބޭނުމެވެ.