ޚަބަރު

"ޑެސްޓިނޭޝަން ޕްރިންސިޕަލްއަކީ ގިނަ ޤައުމުތަކުގައި ޢަމަލުކުރާ އުސޫލެއް"


  • ޤާނޫނަށް ޢަމަލުކުރަން ފަށާނީ އޮކްޓޫބަރު 1 ވަނަ ދުވަހު

  • ޤާނޫނު އަމާޒުވަނީ ރާއްޖޭގައި ބޭރުގެ ތިބި ފަތުރުވެރިކަމުގެ ސިނާޢަތްތަކުގެ ހަރަކާތްތެރިވާ ފަރާތްތަކަށް

އޮކްޓޫބަރުމަހު ޢަމަލުކުރަން ފަށާ ޑެސްޓިނޭޝަން ޕްރިންސިޕަލްއަކީ ގިނަ ޤައުމުތަކެއްގައި ޢަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 8 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީޤުކުރައްވާފައެވެ. އެ ޤާނޫނު ތަސްދީޤުކުރެއްވުމާއި ގުޅިގެން މިރާއިން ނެރުނު ބަޔާނުގައި އެއިދާރައިން ވަނީ އިސްލާހު އަމާޒުކުރެވިފައިވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށްކަމަށް ވިދާޅުވިއެވެ. މީރާއިން ވިދާޅުވީ މި އިސްލާހާއެކު ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންސީތަކާއި ޕްލެޓްފޯމްތަކުން، ދިވެހިރާއްޖޭގައި ވިއްކާ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓްސްތަކާއި، އެ ޕްރޮޑަކްޓްސްތަކާއި ގުޅުންހުރި، އޭޖެންސީ އަދި ބުކިން ޚިދުމަތްތަކުން، ޖީއެސްޓީ ނެގުމަށް ވަނީ ކަނޑައަޅާފައެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލް ނުވަތަ މުދަލެއް ބޭނުން ކުރާ ޤައުމެއްގައި އެ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ޓެކްސް ކުރުމުގެ އުސޫލުގެ މައްޗަށް ބިނާކޮށް ގެނެވުނު، އިސްލާހު މައިގަނޑު ގޮތެއްގައި ރައްދުވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ވިއްކާ ބޭރުގެ ފަރާތްތަކަށް ކަމަށް މީރާއިން ވިދާޅުވެއެވެ. އިސްލާހުގެ ދަށުން ދިވެހިރާއްޖޭގައި ބޭނުންކުރުމަށް ފޯރުވައިދޭ ޚިދުމަތެއް ނަމަ، އެ ޚިދުމަތެއް ވިއްކާ ފަރާތް ބޭރުގައި ހުރިނަމަވެސް، އެފަރާތްތަކުން މީރާއަށް ޖީއެސްޓީ ދައްކަން ޖެހޭނެއެވެ. މީރާއިން ވަނީ މިގޮތަށް މުދަލެއް ނުވަތަ ޚިދުމަތެއް ބޭނުން ކުރާ ޤައުމެއްގައި ޖީއެސްޓީ ނެގުމަކީ ރާއްޖޭގެ ގިނަ ޤައުމުތަކުގައި ޢަމަލުކުރާ އުސޫލެކެވެ.

ފަތުރުވެރިކަމުގެ ސިނާޢަތަށް އަމާޒުކޮށް ގެނައި އިސްލާހުގެ ސަބަބުން، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ވިޔަފާރިތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައި ދެއްކުމުގައި ޢަމަލުކުރަމުން އަންނަ އުސޫލައް އަދި ޖީއެސްޓީ ރޭޓަށްވެސް ބަދަލެއް ނާންނާނެ ކަމަށް މީރާއިން ފާހަގަކުރެއެވެ. މި ބިލުގައިވާ ގޮތުން ޖީއެސްޓީ ޤާނޫނަށް ގެނެވުނު އިސްލާހަށް ޢަމަލުކުރަން ފަށަނީ، އޮކްޓޫބަރު 1 ވަނަ ދުވަހުއެވެ.

ޤާނޫނަށް އިސްލާހު ހުށަހެޅުމާއި ގުޅިގެން މީރާއިން ވަނީ ޤާނޫނު ފާސްވުމާއެކު މީރާއިން ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެއެވެ. މިގޮތުން ޖީއެސްޓީ ދައްކަން ޖެހޭ ފަރާތްތައް ރެޖިސްޓްރީ ކުރުމާއި، އެ ފަރާތްތަކުން ޖީއެސްޓީ ދައްކަންޖެހޭ އިޖުރާޢަތްތައް ކަނޑައަޅުމުގެ ކަންކަން ކުރާނެއެވެ. އަދި ރާއްޖޭގައި ބޭނުން ކުރާ ޚިދުމަތްތަކާއި ރާއްޖެއިން ބޭރުގައި ހުރި ބައެއް ޚިދުމަތްތައް އެކުގައި ހުންނަ ޕްރޮޑަކްޓްސްތަކުގައި ޖީއެސްޓީ ނެގުމުގެ ޢަމަލުކުރާނެ ގޮތްތައްވެސް ޤަވާއިދުގެ ތެރެއިން ކަނޑައެޅިގެންދާނެ މީރާއިން ވަނީ ވިދާޅުވެފައެވެ.