ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ދިފާޢީ އިއްތިޙާދުން (ނޭޓޯ) އާކްޓިކް ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް ފުޅާކުރަމުންދިޔުމަކީ ރަޝިއާއަށް އޮތް ސީދާ ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައި، ރަޝިއާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރަޝިއާގެ ޚާރިޖީ ވުޒާރާއިން ޝާއިޢުކުރި މަޒުމޫނެއްގައި، ރައީސް ވްލަޑިމިޔަރ ޕުޓިންގެ އަރިސް ބޭފުޅެއް ކަމުގައިވާ ލެވްރޮފް ވަނީ، އާކްޓިކް ސަރަޙައްދުގައި ނޭޓޯއިން އަސްކަރީ ތަމްރީނުތަކެއް ހިންގުމަކީ ޢުދުވާނީ ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، މީގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ފަދަ އަސްކަރީ ކުރިމަތިލުމެއް ހިނގުމުގެ ފުރުޞަތު ބޮޑު ކަމުގައި އޭނާ އިންޒާރު ދެއްވިއެވެ.
ދުނިޔޭގެ އުތުރު ތަނޑީގައި އޮތް އާކްޓިކް ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް ފުޅާކުރުމަށް 'އާކްޓިކް ސެންޓްރީ' ގެ ނަމުގައި ނޭޓޯއިން ހަރަކާތްތަކެއް ފަށާފައި ވަނީ ފެބުރުވަރީ މަހުއެވެ. މި އޮޕަރޭޝަން ފަށާފައި މި ވަނީ، ހުޅަނގާއި ރަޝިއާއާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވުމުގެ އިތުރުން ގްރީންލެންޑަށް އަތްގަދަ ކުރައްވާނެ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު، ނޭޓޯއިން ވަނީ އާކްޓިކް ސަރަޙައްދަށް ދެމުންދިޔަ އަހުމިއްޔަތުކަން އިތުރުކޮށްފައެވެ. ރަޝިއާއިން މީގެ ކުރިން ވެސް އާކްޓިކްގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅަށް ބަސްބުނެފައިވެއެވެ.
އާކްޓިކް ސަރަޙައްދުގައި މިހާރު ވެސް ރަޝިއާގެ ވަރުގަދަ އަސްކަރީ ލަޝްކަރެއް އޮވެއެވެ. މީގެ ތެރޭގައި، ނިއުކްލިޔަރ ހަތިޔާރު އުފުލާ ސަބްމެރިންތަކާއި މަނަވަރުތައް ހިމެނޭއިރު، އެ ސަރަޙައްދުގައި އަސްކަރީ ބިނާރު އެންމެ ފުޅާ ޤައުމަކީ ވެސް ރަޝިއާއެވެ. އާކްޓިކަކީ ރަޝިއާގެ ޚާއްޞަ މަޞްލަޙަތު އޮތް ސަރަޙައްދެއްގެ ގޮތުގައި އެ ޤައުމުން ދެކޭއިރު، ރަޝިއާއާއި އޭޝިޔާގެ ޤައުމުތަކާ ދެމެދު ވިޔަފާރިމުދާ އުފުލުމަށް ކަނޑު ދަތުރުފަތުރުގެ މަގެއް ކަނޑައެޅުމަށް ވެސް ރަޝިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، މަޢުދަނުގެ ގޮތުން މުއްސަނދި އެ ސަރަޙައްދުގައި ރަޝިއާއާއި ޗައިނާ ގުޅިގެން ހިންގާ ހަރަކާތްތައް ފަހަކަށް އައިސް އިތުރުކޮށްފައިވާ ކަން މަސްރަޙުގެ ދާރިސުން ފާހަގަކުރެއެވެ.
މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި ނޯވޭއިން ވަނީ، އާކްޓިކްގައި ދާދިފަހުން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒެއް އިތުރަށް ތަރައްޤީކޮށް، އެ ސަރަޙައްދަށް އިތުރު ސިފައިން ފޮނުވާފައެވެ. މިއީ، 2022 ވަނަ އަހަރު ރަޝިއާއާއި ޔޫކްރެއިނުން ހަނގުރާމަ ފެށުމުގެ ސަބަބުން ދިފާޢީ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ނޭޓޯއިން ސިފަކުރެއެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ނޭޓޯގެ މެންބަރު ޤައުމުތަކަށް ނުރައްކާވާ ކަމުގައި ނޭޓޯއިން ތުހުމަތު ކުރި ނަމަވެސް، ރަޝިއާއިން ދަނީ އެ ޤައުމުގެ ފުށުން ނޭޓޯއަށް ނުރައްކަލެއް ނެތް ކަމުގައި ބުނަމުންނެވެ.