ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފާހަގަކުރާ ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން އިންޖިނިއަރިން ދާއިރާއަށް ޚާއްސަކޮށްގެން ސްކޮލަޝިޕެެއް ތަޢާރަފް ކޮށްފިއެވެ.
އިންޖިނޭރުންގެ ދުވަހާއި ގުޅުވައިގެން އެސްޓީއޯއިން މިއަދު ބޭއްވި ޚާއްސަ ހަފްލާގައި މި ސްކޮލަޝިޕް އިފްތިތާޙު ކޮށްދެއްވީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓިގެ ޗާންސެލަރ ޑރ. މަޚުމޫދު ޝައުޤީއާއި، އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމެވެ.
އެސްޓީއޯއިން ތަޢާރަފްކުރި މި 2 ސްކޮލަޝިޕް ޚާއްސަކޮށްފައިވަނީ، ކޮންކްރީޓް ޓެކްނޮލޮޖީއިންނާއި، އެލަވޭޓާ އިންސްޓޯލޭޝަންއިންނެވެ.
އެސްޓީއޯއިން ވިދާޅުވީ، ކޮންކްރީޓް ޓެކްނޮލޮޖީއިން ޚާއްސަވާ ސްކޮލަޝިޕަކީ، އިންޖިނިއަރިން ދާއިރާއިން އަންޑަރ ގްރެޖުއޭޓްވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ހުޅުވާލާ ފުރުސަތެއް ކަމަށެވެ. މިއީ، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން، އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވެވޭ ސްޕެޝަލައިޒޭޝަނެއް ކަމަށްވެސް ވިދާޅުވިއެވެ.
އެލެވޭޓާ އިންސްޓޮލޭޝަނަށް ޚާއްސަކުރީ، ދުނިޔޭގެ އެންމެ މަޤުބޫލު ބްރޭންޑުގެ އެލެވޭޓާ "ކޯނޭ" ޑިސްޓްރިބިއުޓް ކުރަނީ އެސްޓީއޯއިން ކަމަށްވުމާއެކު އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރު ކުރުމަށް ކަމަށާއި، މި ސްކޮލަޝިޕުގެ ފުރުސަތު ފަހިކުރީ ކޯނޭ އެކަޑެމީއާ ގުޅިގެން ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.