ބްރެޒިލްގެ ގައުމީ ޓީމާ ދެކޮޅަށް އަންނަ އޮކްޓޫބަރު މަހު އިންޑިޔާ ކުޅޭ މެޗު ބަލަން އިންނަން ޖެހޭތީވެ އެކަމާ ޖެލަސްވާ ކަމަށް ކުރީގެ ކެޕްޓަން ސުނިލް ޗެތްރީ ބުނެފި އެވެ.
ދާދި ފަހުން ގައުމީ ޓީމުން ރިޓަޔާކުރި ކުޅުންތެރިޔާ އަށް މި މެޗުގައި ކުޅުމުގެ ފުރުސަތު އެބައޮތެވެ. އެއީ އޭނާ އަކީ އަދިވެސް ކުލަބު ފެންވަރުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކުޅުންތެރިއަކަށްވާތީ އެވެ. ގައުމީ ޓީމަށް 157 މެޗުން 95 ލަނޑު ޖަހާދީފައިވާ އުމުރުން 42 އަހަރުގެ ޗެތްރީ އަށް މެޗުގައި ކުޅުމުގެ ފުރުސަތު ދޭން އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ތިބީ ތައްޔާރަށެވެ. ނަމަވެސް އޭނާ ހުރީ އަލުން ޖައުމީ ޖާޒީ ލާން ތައްޔާރަށް ނޫނެވެ.
"އަހަރެން ވަރަށް ޖެލަސްވޭ މިކަމާ. އަހަރެންނަކީ މިހާރު ސަޕޯޓަރެއް. އެކަމަކު ބްރެޒިލް މެޗު ކުޅުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް. މިއީ ހަޔާތުގައި އެއް ފަހަރު ނޫނީ ނުލިބިދާނެ ފުރުސަތެއް. އަހަރެން ޖެލަސްވަނީ މިހެންވެ،" ޗެތްރީ ބުންޏެވެ.
"އެކަމަކު އަހަރެން ދެކޭ ގޮތުގައި ގައުމީ ޓީމަށް އަހަރެން ކުޅުނު 24 ނުވަތަ 26 އަހަރު ތެރޭގައި އަހަރެންނަށް ހިދުމަތް ދެވިއްޖެ. އަލުން އައުމުގެ ވިސްނުމެއް ނެތް،" ޗެތްރީ ބުންޏެވެ.
އޭނާ ބުނީ މި މެޗަށް ނުކުންނައިރު އެންމެ މުހިންމު ކަމަކީ ހުރިހާ ކުޅުންތެރިން ވެސް ފިޓްކޮށް ތިބުން ކަމަށެވެ.
"އަހަރެންނަށް ޔަގީންކަން އެބައޮތް ކޯޗު މި މެޗަށް ކުޅުންތެރިން ތައްޔާރު ކުރާނެ ކަމާމެދު. އަހަރުމެން ތައްޔާރުވާންވީ މި މެޗަށް ވަރަށް ރަނގަޅު ފިޓްނަސްއެއްގައި ތިބެން. މި މެޗުގެ ފިޒިކަލް ފިޓްނަސް ރަނގަޅުވެގެން ނަތީޖާ ރަނގަޅު ކުރެވޭނީ،" ޗެތްރީ ބުންޏެވެ.
ބްރެޒިލްގެ އިތުރު ޕެނަމާ އާއި އުރުގުއޭ ވެސް އިންޑިޔާގައި މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.