ޚަބަރު

ޔޫއެސް އޯޕަންގެ އިނާމް ފައިސާ ބޮޑު ކުރުމުން ސަބަލެންކާގެ ތައުރީފް


  • ޔޫއެސް އޯޕަންގައި ފައިސާގެ އިނާމްގެ ގޮތުގައި 108 މިލިޔަން އެމެރިކާ ޑޮލަރު ކުޅުންތެރިންނަށް ލިބޭނެ

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ކުޅުންތެރިންނަށްދޭ ފައިސާގެ އިނާމް ބޮޑު ކުރުމުން އެކަމަށް ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަންހެން ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލެންކާ ތައުރީފްކޮށްފިއެވެ.

އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫއެސް އޯޕަން އިންތިޒާމް ކުރާ ފަރާތްތަކުން މިފަހަރުގެ މުބާރާތުގައި ކުޅުންތެރިންނަށްދޭ ފައިސާގެ އިނާމް 108 މިލިޔަން އެމެރިކާ ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަންވަނީ ހާމަކޮށްފައެވެ. އަދި ކުޅުންތެރިންނަށް ފައިސާގެ އިނާމް ބޮޑު ކުރުމާއި ޓެނިހުގެ ކަންތައްތަކުގައި ގޮތް ނިންމުމުގައި މިހާރަށް ވުރެ ބޮޑަށް ބައިވެރިކޮށްގެން ކަން ނިންމުމަށް ސީނިއަރ ކުޅުންތެރިންގެ ފަރާތުން ޕްރެޝަރު ކުރަމުންދިއުމާއެކު އަހަރު ތެރޭގައި ބާއްވާ ގްރޭން ސްލޭމް ހަތަރު މުބާރާތުގައިވެސް ކުޅުންތެރިން ހިމެނޭގޮތަށް އެޑްވައިޒަރީ ކައުންސިލެއް ހެދުމަށް ވިސްނާފައިވާކަންވެސް މިހަތަރު މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.

ސަބަލެންކާއަކީ ކުޅުންތެރިންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރާ ކުޅުންތެރިއެެވެ. ޔޫއެސް އޯޕަން ފެށުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ ޔޫއެސް އޯޕަންގެ މިނިންމުމާމެދު ވަރަށް ހިތްހަމަ ޖެހިފައިކަމަށެވެ. އަދި މިއާއެކު މިފަހަރުގެ މުބާރާތުގައި މީޑިއާ ނުވަތަ މުބާރާތް ނޫނީ އެހެން ކަމެއް ބޮއިކޮޓް ކުރަން ނުޖެހޭނެކަމަށް ސަބަލެންކާ ފާހަގަ ކުރިއެވެ.

މުބާރާތް ތަކުން ލިބޭ ފައިދާގެ ތެރެއިން ކުޅުންތެރިންނަށް ދޭ ފައިސާގެ އިނާމްގެ ޕަސެންޓޭޖް ކުޑަކަމުން އެކަން ރަނގަޅު ކުރުމަށް ގޮވާލާ އެކަމާއި ނުރުހުން ފާޅު ކުރުމުގެ ގޮތުން ސަބަލެންކާ އާއި އެއްވަނައަށް ރޭންކް ކުރެވިފައިވާ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނަރވަނީ ފްރެންޗް އޯޕަން އާއި ވިމްބަލްޑަންގައި ނޫސްވެރިންގެ ބައްދަލުވުމުގެ ދިގުމިން 15 މިނެޓަށް ކުރުކޮށްފައެވެ. 15 މިނެޓުގެ މިވިސްނުން އެކުޅުންތެރިން ގެންގުޅެފައިވަނީ މުބާރާތްތަކުން ލިބޭ ފައިދާގެ 15 އިން ސައްތަ ކުޅުންތެރިންނާށް ބަހާތީ އެކަމަށް އިޝާރާތްކޮށެވެ.

މީގެއިތުރުން ފަހަކަށް އައިސް މުބާރާތްތަކުގައި ސަބަލެންކާއަށް މާރަނގަޅު ކުޅުމެއް ދެއްކެމުން ނުދާ ދިއުމާއި ގުޅިގެން ސަބަލެންކާ ބުނީ އޭނާ ގިނަ ކަންތައްތަަކަކާއި ފަހަކަށް އައިސް ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް އެއީ އެހެން މީހުން ވިސްނަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ އުންމީދަކީ މިފަހަރުގެ ޔޫއެސް އޯޕަންގައި އޭނާގެ ކުޅުން ރަނގަޅުކޮށް މިމުބާާރާތް ކާމިޔާބު ކުރުމެވެ.

ދުނިޔޭގައި ތިންވަނައަށް ރޭންކް ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ ބުނީ ކުޅުންތެރިންނަށް ލިބޭ ފައިސާގެ އިނާމަށް މިއައި ހެޔޮބަދަލަކީ އަންހެން އަދި ފިރިހެން ކުޅުންތެރިން ގުޅިގެން އެކުގާ މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށެވެ. އަދި އަންހެން އަދި ފިރިހެން ކުޅުންތެރިން ގުޅިގެން ރަނގަޅު މަސައްކަތް ތަކެއް ކުރެވިފައިވާކަންވެސް ޕެގޫލާ ފާހަގަ ކުރިއެވެ. އޭނާ ބުނީ އަދިވެސް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށާއި އަދި މިހާރު ހެދުމަށް މަސައްކަތް ކުރާ ކައުންސިލް ތައް މަސައްކަތް ކުރާ ގޮތާއި އެކައުންސިލްގައި ހިމެނެނީ ކޮން ބައެއްތޯ ބަލާ އެކައުންސިލްގެ ތެރޭގައި މަޝްވަރާތަކެއް ކުރެވެން ޖެހޭކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

މިފަހަރުގެ މުބާރާތުގައި ދެވޭ ފައިސާގެ އިނާމަށް ބަލައިރު އަންހެން އަދި ފިރިހެން ސިންގަލްސް ޗެމްޕިއަނުންނަށް 5.5 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު ފައިނަލަށްދާ ކުޅުންތެރިޔަކަށް 2.8 މިލިޔަން އަދި ސެމީ ފައިނަލުްނ ޖާގަ ހޯދާ ކޮށްމެ ކުޅުންތެރިޔަކަށް 1.45 މިލިޔަން އެމެރިކާ ޑޮލަރު ލިބިގެންދަނެއެވެ. ޑަބަލްސްއަށް ބަލާލާއިރު ޗެމްޕިއަން ޓިމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު ފައިނަލަށްދާ ޓީމުތަކުގެ ކޮންމެ ކުލުންތެރިޔަކަށް 500 ހާސް އެމެރިކާ ޑޮލަރު ލިބިގެންދާނެވެއެވެ.

މިފަހަރުގެ ޔޫއެސް އޯޕަން ކުރިއަށްދާނީ މާދަމާ ރެއިން ފެށިގެން ސެމްޓެމްބަރު މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ނިއުޔޯކްގެ ރަށްބޭރުގައި ވާ ފްލަޝިންގ މެޑޯސްގައި ގާއިމްކޮސްފައިވާ ޔޫއެސްޓީއޭ ބިލީ ޖީން ކިންގ ނޭޝަނަލް ޓެނިސް ސެންޓަރގައެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާ އަންހެން ކުލުންތެރިންނަށް ބަލާލާއިރު މާބޮޑު ބަދަލުތަކެއް ފެނިގެން ނުދިޔަ ނަމަވެސް ފިރިހެން ކުޅުންތެރިންނަށް ބަލާލާއިރު އަނިޔާގެ ސަބަބުން ސިނަރ މިމުބާރާތުގައި ނުކުޅޭނެއެވެ. އޭގެ ބަދަލުގައި އެއްވަނައަށް ސީޑު ކުރެވިފައިވަނީ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވްއެވެ. އަދި ދެވަނައިގާ އުޅެނީ އަނިޔާގެ ސަބަބުން ގިނަ ދުވަސް ތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސްފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒްއެވެ. އޭނާ އަކީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންވެސް މެއެވެ.

މިފަހަރުގެ މުބާރާތުގައި ފާހަގަ ކޮށްލެވޭ އެހެން ބައެއް ކަންތައްތަކަށް ބަލާލާއިރު ސެރީނާ އައި ވީނަސް ވިލިއަމްސްއަށްވަނީ އަންހެން ޑަބަލްސް ވައިލްޑް ކާޑު އެންޓްރީއެއް ދީފައެވެ. އަދި ޔޫއެސް އޯޕަންގައި ފަހު ފަހަރަށް ވާދަކުރާ ސްވިޓްޒަލަންޑްގެ ސްޓޭން ވަވްރިންކާއަށްވެސް ވައިލްޑް ކާޑް އެންޓްރީއެއް މުބާރާތް އިންތިޒާމް ކުރާ ފަރަތްތަކުން ވަނީ ދީފައެވެ. އަދި ނޯވަކް ޖޯކޮވިޗް މިފަހަރުގެ މުބާރާތުގައިވެސް 25 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.