ޚަބަރު

އާމިން، އަޒާން، ޖާވިދު އަދި އަޝްރަފް ސެމީއަށް


  • ފައިނަލުގެ ހީޓުތައް ކުރިއަށް ދާނީ މިއަދު

  • މިއީ މާލެއިން ބޭރުގައި ގައުމީ ލީގުގެ މުބާރާތެއް ކުރިއަށްދާ ފުރަތަމަ ފަހަރު

  • ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ އާމިން

ކ. ތުލުސްދޫގެ ރަންދާ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ ޤައުމީ ބޮޑީބޯޑިން ލީގުގެ ދެވަނަ މުބާރާތް "ރަންދާ ބޮޑީބޯޑިން ޗެލެންޖެގެ ސެމީ ފައިނަލުން އާމިން އުމަރު މޫސާ، މުހައްމަދު އަޒާން އަހުމަދު، އަޝްރަފް ހަސަން އަދި ޢަލީ ޖާވިދު ޖާގަ ހޯދައިފިއެވެ.

މިއީ މާލެއިން ބޭރުގައި ގައުމީ ބޮޑީބޯޑިން ލީގުގެ މުބާރާތެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް ގައުމީ ބޮޑީބޯޑިން ލީގުގެ މުބާރާތްތައް މާލެއިން ބޭރުގައި ބޭއްވުމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ވަނީ އެކި ފަހަރު މަތިން މަސައްކަތްކޮށްފައެވެ. އެކަމަކު ތަފާތު އެކި ސަބަބުތަކާހުރެ އެ ފަހަރުތަކުގައި މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އެކަމަކު މި ފަހުން ރާއްޖޭގައި ކުރިއަށްދިޔަ އައިބީސީ ވޯލްޑް ޓުއާ މުބާރާތެއް ކަމަށްވާ މޯލްޑިވްސް ޕްރޯ ބާއްވާފައިވަނީ ކ. ތުލުސްދޫ ރަންދާ ރާޅުގަނޑުގައެވެ.

ސެމީ ފައިނަލުން އަޒާން ޖާގަ ހޯދީ ކުއާޓާ ފައިނަލު ހީޓުގައި އިޔަން އަހުމަދުގެ މައްޗަށް 3.94 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ. މި ހީޓުގައި އަޒާން މުޅިއެކު 13.67 ސްކޯކުރިއިރު، އިޔަންއަށް ސްކޯކުރެވުނީ 9.73 ގެ ސްކޯއެކެވެ.

ސެމީ ފައިނަލުން އާމިން ޖާގަ ހޯދީ ކުއާޓާގެ ހީޓު ދޭއްގައި ވާދަކޮށް އަޝްވަންގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ހީޓުގައި އާމިން މުޅިއެކު 18.00 ސްކޯކުރިއިރު، އޭނާ ވަނީ އެއް ރާޅުން ފުރިހަމަ 10 ޕޮއިންޓް ސްކޯކޮށްފައެވެ. ބޮޑީބޯޑިންގައި އެއް ރާޅަކަށް އެންމެ ގިނައިން ސްކޯކުރެވޭނީ 10 ޕޮއިންޓެވެ. އަސްވަން އަށް ސްކޯކުރެވުނީ 9.17 އެވެ.

ސެމީ ފައިނަލުން ޖާވިދު ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އަލީ ޚުޝްރުވާން އަހުމަދުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ހީޓުގައި ޖާވިދު ވަނީ މުޅިއެކު 13.33 ގެ ސްކޯއެއް ހޯދައިފައެވެ. ޚުޝްރުވާން އަށް ސްކޯކުރެވުނީ 3.70 ގެ ސްކޯއެކެވެ.

ސެމީ ފައިނަލުން އަޝްރަފް ޖާގަ ހޯދީ ނޫހް މުހައްމަދު ދުނައިމް އިރުޝާދުގެ މައްޗަށް 8.19 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ. އަޝްރަފް އަށް މުޅިއެކު 15.33 ގެ ސްކޯއެއް ލިބުނުއިރު، ނޫހް އަށް ސްކޯކުރެވުނީ 7.14 ގެ ސްކޯއެކެވެ.

މި މުބާރާތުގެ ފައިނަލުގެ ހީޓުތައް ކުރިއަށްދާނީ މިއަދު މެންދުރު ފަހުގައެވެ.