ޚަބަރު

ނިރުބަވެރިކަމަށް ވާގިވެރިވާ ލިސްޓުން ސޫރިޔާ ނަގައިފި، ރާއްޖޭގެ މަރުޙަބާ!


  • ސޫރިޔާގައި ވުނަކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ނައްތައިލެވޭނެ

  • ލިސްޓުގައި މިހާރު އޮތީ އީރާން، ކިޔުބާ އަދި އުތުރު ކޮރެޔާ

އެމެރިކާއިން އެކުލަވައިލާފައިވާ ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސޫރިޔާ ރަސްމީކޮށް އުނިކުރަން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

މި ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ސޫރިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކޮށްފައެވެ. މިއާއެކު ސޫރިޔާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަޔާއި، ހަމަޖެހުމާއި، ފާގަތިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ.

މީގެއިތުރުން، އެމެރިކާގެ މި ނިންމުމުގެ ސަބަބުން ދިގުލީ ހަނގުރާމައަކަށްފަހު ސޫރިޔާ އަލުން އާރާސްތުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށާއި، އެ ޤައުމުގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ދިވެހި ސަރުކާރުން ހާމަކުރެއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ސޫރިޔާގެ ސިޔާދަތާއި، މިނިވަންކަމާއި، ސަރަޙައްދީ އިމުގެ އިސްތިޤްލާލަށް ފުރިހަމައަށް ތާއީދުކުރާކަން ފާހަގަކުރަމުން، ސޫރިޔާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލުކުރުމަށްޓަކައި އެ ޤައުމުގެ ރައްޔިތުން އިސްވެ، އެންމެންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޞުލްޙަވެރި ސިޔާސީ ޙައްލަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަން ވަނީ ތަކުރާރުކޮށްފައެވެ.

އެމެރިކާއިން އެކުލަވައިލާފައިވާ ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސޫރިޔާ ރަސްމީކޮށް އުނިކުރުމަކީ ސޫރިޔާގައި ވުނަކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ނައްތައިލުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސޫރިޔާގެ ސަރުކާރުން ސިފަކުރެއެވެ. މި ލިސްޓުން ސޫރިޔާ އުނިކުރުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 45 ދުވަހުގެ މުރާޖާއެއް ފަށައި، އެ ކަން ޤާނޫނުހަދާ މަޖިލީހަށް އަންގާފައިވަނީ ޖުލައި މަހުއެވެ. މި ނިންމުމާއެކު، ޓްރަމްޕްގެ ސަރުކާރާއި ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާޢުގެ ސަރުކާރާ ދެމެދު ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

އެމެރިކާއިން އެކުލަވައިލާފައިވާ ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުގައި ސޫރިޔާ ހިމަނާފައި ވަނީ 1979 ވަނަ އަހަރު ސޫރިޔާގެ ކުރީގެ ރައީސް ޙާފިޟު އަލް-އަސަދުގެ ވެރިކަމުގައެވެ. އޭނާގެ ދަރިކަލުން، ބައްޝާރް އަލް-އަސަދުގެ ވެރިކަމުގައި ވެސް އެމެރިކާއިން ވަނީ މި ފިޔަވަޅު ދަމަހައްޓާފައެވެ. ނަމަވެސް، ޝަރާޢު ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހު އަސަދުގެ ވެރިކަން ވައްޓައިލާފައެވެ. މިއާއެކު، އެމެރިކާއިން މި ވަނީ ސޫރިޔާގެ ދައުލަތުގެ އިތުރުން ނިރުބަވެރި ޖަމާޢަތް، ނުޞްރާ ފްރަންޓް ވެސް ނިރުބަވެރިންގެ ލިސްޓުން އުނިކޮށްފައެވެ. އެމެރިކާއިން އެކުލަވައިލާފައިވާ ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުގައި މިހާރު އޮތީ އީރާން، ކިޔުބާ އަދި އުތުރު ކޮރެޔާ އެކަންޏެވެ.