ޚަބަރު

ހުރްމުޒްގެ ޤަވާއިދާ ޚިލާފުވި 45 ޓޭންކަރެއް ބްލެކް ލިސްޓުކޮށްފި


ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް އީރާނުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ ޚިލާފުވެފައިވާ 45 ޓޭންކަރެއް ބްލެކްލިސްޓުކޮށް، އެ އުޅަނދުތަކާ މުޢާމަލާތްކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަށް ހަ މަސް ދުވަސް ހޭދަވެފައިވާއިރު، އީރާނުން މި އިންޒާރު ދީފައިވަނީ ދުނިޔޭގެ ހަކަތައިގެ މުހިންމު މި މަގުގައި ކުރިމަތިލުންތަކާއި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުން ހުރްމުޒް ބެލެހެއްޓުމަށް އަލަށް އުފެއްދި "ޕަރޝިއަން ގަލްފް ސްޓްރޭޓް އޮތޯރިޓީ" އިން އާދީއްތަ ދުވަހުގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބްލެކްލިސްޓުކޮށްފައިވާ އުޅަނދުފަހަރު ޖޫރިމަނާކޮށް، ހިފަހައްޓައި، އަދި އެ ތަކެތީގައި ހުރި މުދާތައް އަތުލުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި މި އުޅަނދުފަހަރާއެކު އުޅަނދުން އުޅަނދަށް މުދާ ބަދަލުކުރުމުގައި ބައިވެރިވާ ކޮންމެ އުޅަނދެއްވެސް މި ލިސްޓަށް އިތުރުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މި އިންޒާރު އައިސްފައިވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ދުނިޔޭގެ ތާރީޚުގައި އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ އިންޒާރުދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެމެރިކާގެ ކޮންމެ އައު އިންޒާރަކަށް ދޭނެ ރައްދު ވަރަށް ނުރައްކާތެރިވާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން ބްލެކްލިސްޓުކުރި އުޅަނދުތަކުގެ ތެރޭގައި ވަރަށް ބޮޑެތި ސާފުނުކުރާ ތެޔޮ އުފުލާ އުޅަނދުފަހަރާއި، އެލްއެންޖީ، އެލްޕީޖީ ގޭސް އަދި ސާފުކޮށްފައިވާ ތެޔޮ އުފުލާ އުޅަނދުފަހަރު ހިމެނެއެވެ. މީގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީ، ސަޢުދީ ޢަރަބިއްޔާ އަދި ދެކުނު ކޮރެއާގެ އެކި ކުންފުނިތަކުގެ އުޅަނދުތައް ހިމެނެއެވެ. މި ކުންފުނިތަކުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕަރޝިއަން ގަލްފް ސްޓްރޭޓް އޮތޯރިޓީން ބުނެފައިވަނީ، ލިސްޓުން ނަން އުނިކުރަން އެދޭނަމަ ތަފްޞީލީ މަޢުލޫމާތާއެކު އީރާނުގެ މެރިޓައިމް އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. މީގެ ކުރިން އީރާނުން ބުނެފައިވަނީ ހުރްމުޒް ހުރަސްކުރުމަށް އެ ޤައުމުގެ ޙުއްދަ ހޯދަންޖެހޭނެ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަމަށް ފީއެއް ދައްކަންޖެހޭނެ ކަމަށެވެ.

އެމެރިކާއިންވެސް އީރާނާ ގުޅުންހުރި އުޅަނދުފަހަރަށް ހުރަސްއެޅުމަށް ކަނޑުގެ ޙިޞާރެއް ޤާއިމުކޮށްފައިވާއިރު، ހުރްމުޒް ކަނޑުއޮޅިން ބޭރުގައި ތިބި ބޮޑެތި ޓޭންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އެމެރިކާ އިސްވެ ސިއްރިއްޔާތުގައި ޓޭންކަރުތައް ދަތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމެރިކާގެ ހަކަތައާބެހޭ ވަޒީރު ކްރިސް ރައިޓް ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ފީފާއަށްވުރެ ގިނަ ތެޔޮ މިހާރުވެސް ދައުރުވަމުންދާ ކަމަށެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައިކުރަނީ މި ސަރަޙައްދުންނެވެ.

ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ. ކެޕްލަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ ބަންދުގައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރީ 20 އަށްވުރެ މަދު މުދާ އުފުލާ އުޅަނދެވެ. އެގޮތުން އާދީއްތަ ދުވަހު ހުރަސްކުރީ އެންމެ 4 އުޅަނދެވެ. އަދި ހޮނިހިރު ދުވަހު 13 އުޅަނދު، އަދި ހުކުރު ދުވަހު 16 އުޅަނދު ހުރަސްކޮށްފައިވެއެވެ. މީގެ އިތުރުން ވޭތުވެދިޔަ ތިން ދުވަހު ގޭސް އުފުލާ 8 އުޅަނދެއް ހުރްމުޒް ހުރަސްކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްގެ ރިޕޯޓެއްގައި ބުނެފައިވަނީ، ހަމަލާތަކާ ގުޅިގެން ދަތުރުތައް ކެންސަލްކުރުމާއި ދަތުރުކުރާ މަގު ބަދަލުކުރުމުގެ ސަބަބުން، ހުރްމުޒް ހުރަސްކުރާ އުޅަނދުތަކުގެ ޢަދަދު ވަނީ ހަނގުރާމައިގެ ކުރީގެ މިންވަރަށްވުރެ ގާތްގަނޑަކަށް 90 އިންސައްތަ ދަށްވެފައެވެ.

މިދިޔަ ޖުލައި 6 އިން ފެށިގެން މި ސަރަޙައްދުގައި ހަމަލާތަކުގެ 23 ޙާދިސާއެއް ހިނގައި، އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ބާބުލްމަންދަބު ކަނޑުއޮޅީގެ ދަތުރުފަތުރަށްވެސް ބުރޫއަރާފައިވާ ކަމަށާއި، އާދީއްތަ ދުވަހު އެ ސަރަޙައްދުން ދަތުރުކުރީ އެންމެ 24 އުޅަނދު ކަމަށް ކަނޑުދަތުރުފަތިުރާބެހޭ ހިސާބުތަކުން ދައްކައެވެ.