އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި އެ އަތޮޅެއްގެ އެހެން ރަށެއްގެ މުވައްޒަފެއް ވަޒީފާއަށް ނެގޭ ގޮތަށް ހަދައިފިއެވެ.
ސިވިލްސަރވިސް ކޮމިޝަނުން ވަނީ، އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި ވަޒީފާތަކަށް މީހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލާފައެވެ.
މި އުޞޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލެވޭ މަޤާމަކީ، މުވައްޒަފަކު ނަގަން ބޭނުންވާ ރަށު ކައުންސިލުގެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ އަދި ވަޒީފާ ހަމަޖައްސާ ފަރާތަށް ހިނގާނެ ޚަރަދަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޤާމަކަށް ވާންޖެހެއެވެ. އަދި މުވައްޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލާނީ، އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށްކަމަށް އުޞޫލުގައި ކަނޑައަޅާފައިވެއެވެ.
މި އުޞޫލުގެ ދަށުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް އެ ފަރާތެއް ދިރިއުޅޭ ރަށުގެ ކައުންސިލުގެ އިދާރާއަށް ޙާޒިރުވެ، ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. ނަމަވެސް ވަޒީފާ ހަމަޖައްސާ ފަރާތެއްގެ ދިރިއުޅުން ހަމަޖެހިފައިވާންވާނީ، ވަޒީފާ އޮތް އިދާރާ ނިސްބަތްވާ އަތޮޅުގެ ރަށަކަށެވެ.
މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި ޢަމަލުކުރާނީ، "ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑު"ގައިވާ ގޮތުގެ މަތީންނެވެ. އަދި ވަޒީފާ ހަމަޖައްސާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއ،ި ވަޒީފާއިން ވަކިކުރުމާއ،ި ވަޒީފާގެ ކުރިއެރުން ދިނުމާއި އަދި މިނޫންވެސް ވަޒީފާއާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރާނީ ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއ،ި އެފަދަ ކަންކަމުގައި ޢަމަލުކުރުމަށް އެ ކޮމިޝަނުން އެކުލާވާލާފައިވާ އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެެވެ.
މި އުޞޫލުގައި ބުނެފައިވަނީ ވަޒީފާ ހަމަޖައްސާ މުވައްޒަފުގެ މަސައްކަތް މޮނިޓަރކޮށް ބަލަހައްޓާނ،ީ އެމުވައްޒަފު ޙާޒިރުވެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ޙަވާލުވެ ހުރި މުވައްޒަފަކު ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކުން ކަމަށެވެ.
ވަޒީފާ ހަމަޖައްސަންޖެހޭ ކައުންސިލުތަކަށް ބޭނުންވާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނީ، ސިވިލް ސަރވިސް ކޮމިޝަނުން ނުވަތަ ކޮމިޝަނުން ކަނޑައަޅާ އިދާރާއަކުންނެވެ.