ކުޅިވަރު

ސަޕޯޓަރުންގެ ހަޅޭކާއެކު އަލްވަރޭޒް ޗޭންޖިން ރޫމަށް


ވިޔަރެއާލް އަތުން އެތްލެޓިކޯ މެޑްރިޑް އެއްވަރުވި މެޗުގައި ސަޕޯޓަރުން އިންތިހާ އަށް ހަޅޭއްލަވައި ނުރުހުން ފާޅު ކުރުމުން ފޯވަޑް ހޫލިއަން އަލްވަރޭޒް އެކަނިމާއެކަނި ޗޭންޖިން ރޫމަށް ދާން ޖެހިއްޖެ އެވެ.

މެޗުގެ ފަހު 25 މިނިޓަށް ކުޅެން ނުކުތް އާޖެންޓީނާގެ ފޯވަޑް ވާމްއަޕް ކުރިއިރާއި ދަނޑަށް ނުކުތުމާއެކު ވެސް ސަޕޯޓަރުން ވަނީ އޭނާ އަށް މަލާމާތާއެކު ހަޅޭއްލަވައިފަ އެވެ. އަދި އެތްލެޓިކޯގެ ޕްރެކްޓިސް ދަނޑުގެ ވަށައިގެން ވަނީ އޭނާއާ ދެކޮޅަށް ބެނާތައް ދަމައިފަ އެވެ. އެއް ބެނާއެއްގައި ލިޔެފައިވަނީ "އަލްވަރޭޒް މިހާރު މި ކުލަބުން ދޭ،" މިހެންނެވެ.

ސަޕޯޓަރުންގެ ނުރުހުން އަމާޒުވީ ޓީމު ދޫކޮށް ވާދެވެރި ބާސެލޯނާ އަށް އަލްވަރޭޒް ބަދަލުވާން އުޅޭތީ އެވެ. މެޗަށް ފަހު ކޯޗު ޑިއެގޯ ސިމިއޯނޭ ބުނީ މެޗަށް ފަހު އެހެން ކުޅުންތެރިންނާ ޝުކުރު އަދާކުރަމުންދިޔައިރު އަލްވަރޭޒް ޗޭންޖިން ރޫމަށް ދިޔައީ ކުލަބުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

"އޭނާ ބޭނުންވަނީ ބާސެލޯނާ އަށް ދާން ކަމަށް ވަންޏާ އެކަމާ ސަޕޯޓަރުން ހިތްހަމަ ނުޖެހުން ފާޅު ކުރާނެ. އެގޮތުން އައި ހިތްހަމަ ނުޖެހުންތަކެއް އެއީ. ކުލަބުން ނިންމީ ސަޕޯޓަރުންނާ ޝުކުރު އަދާކުރަން ދަނޑުމަތީގައި ހުރުމުގެ ބަދަލުގައި އަލްވަރޭޒް ޗޭންޖިން ރޫމަށް ދާން. އެއީ އެންމެ ރަނގަޅި ގޮތް ކަމަށް ނިންމީ ކުލަބުން،" ސިމިއޯނޭ ބުންޏެވެ.

ސަޕޯޓަރުން ކުޅުންތެރިއަކަށް ފާޅުގައި މަލާމާތްކޮށް، ހަޅޭއްލެވުމަށް ތާއީދު ކުރަންތޯ އެހުމުން ސިމިއޯނޭ ސީދާ ޖަވާބެއް ނުދިނެވެ.

"އަހަރެން ތާއީދު ކުރަނީ އެ މީހުންގެ ރޫހަށް. އެ މީހުންގެ މޯޓިވް އަށް. އެކަން އެހެންވާނެ ވެސްމެ. އަލްވަރޭޒް ދޫނުކުރަން ނިންމުމަކީ ކުލަބުގެ ނިންމުމެއް،" ސިމިއޯނޭ ބުންޏެވެ.

މިކަމާ ބެހޭ ގޮތުން މިޑްފީލްޑަރު ކޯކޭ ވެސް ވާހަކަ ދެއްކި އެވެ. މެޗަށް ފަހު އޭނާ ބުނީ އަލްވަރޭޒްގެ ކުރިމަގާމެދު ގޮތެއް ނުނިމި އޮތުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.

"އޭނާއާ މެދު އަހަރެން ދެރަވަން. ވަރަށް އުނދަގޫ ފައްތަރެއްގައި އޭނާ އެހުރީ. ބާސެލޯނާ އަށް ދާން އޭނާ ބޭނުންވާނަމަ އެކަމަށް ސަޕޯޓަރުން ހިތްހަމަ ނުޖެހޭނެ. އަހަރުމެންގެ ވާދަވެރި ކުލަބެއް އެއީ. އެތްލެޓިކޯގައި ވެސް އުސޫލުތަކެއް ހުންނާނެ. އަހަރުމެން އެކަންކަމަށް އިހްތިރާމް ވެސް ކުރަންވާނެ،" ކޯކޭ ބުންޏެވެ.

އެތްލެޓިކޯއިން ނިންމާފައިވަނީ ބާސެލޯނާ ނޫން ކޮންމެ ކުލަބަކަށް ވެސް އަލްވަރޭޒް ވިއްކާލެވިދާނެ ކަމަށެވެ. ނަމަވެސް ކުޅުންތެރިޔާ ދާން ބޭނުންވާ ހަމައެކަނި ކުލަބަކީ ބާސެލޯނާ އެވެ.