ޚަބަރު

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރާ ބިން އެމްޕީއެލްއާ ޙަވާލުކޮށްފި


  • ޔޮޓު މެރީނާގައި 18 ވަރަކަށް ޔޮޓު ބަނދަރުކުރެވޭނެ

  • ރަށުގެ އިޤްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ޤާއިމުކުރުމަށް ބޭނުންވާ ބިން ހޯދުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީޤެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ.

މި މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީޤު ވިދާޅުވީ، ޔޮޓު މެރީނާ ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގައި މިތަން ކުޑަކޮށް ތަރައްޤީކުރި ނަމަވެސް، މުސްތަޤުބަލުގައި މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހެދޭ ޔޮޓް މެރީނާގައި ގާތްގަނޑަކަށް 18 ޔޮޓުގެ ޖާގަ ހިމެނޭނީ، ވަރަށް ސްމޯލް ސްކޭލްގައި މި ފަށަނީ. އެހެން ނަމަވެސް މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ މިތަން ދުނިޔޭގެ ފެންވަރުގެ ތަނަކަށް ވެގެންދިއުން،" ކެޕްޓަން ޝަފީޤު ވިދާޅުވިއެވެ.

އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދު ވިދާޅުވީ، އުލިގަމަކީ ޒަމާނުއްސުރެ ގިނަ އަދަދަކަށް ބޭރުގެ ޔޮޓުފަހަރު ޒިޔާރަތްކުރަމުންދާ ރަށެއް ނަމަވެސް، މެރިޓައިމް ދާއިރާއިން އެ އުޅަނދުފަހަރަށް އެކަށީގެންވާ ޚިދުމަތްތަކެއް ދެވޭނެ އިންތިޒާމެއް މިހާތަނަށް ޤާއިމުވެފައި ނެތް ކަމަށެވެ. އަދި މިފަދަ މެރީނާއެއް ޤާއިމުވުމަކީ ރައްޔިތުން ދެކެމުން އައި ވަރަށް ބޮޑު އުއްމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މެރީނާ ހެދިއްޖެ ކަމަށްވާނަމަ ރަށުގެ އިޤްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަދި ބޭރު ފައިސާއިން ލިބޭ އާމްދަނީ ރަށަށް ވަންނާނެ ވަރަށް ބޮޑު މަގަކަށް މިކަން ވެގެންދާނެ." އުލިގަމު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކާ ކައިރީގައި އޮންނަ ރަށަކަށް ވުމާއެކު، އެ ރަށުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަކީ ރާއްޖޭގެ މެރިޓައިމް އަދި ޓޫރިޒަމް ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެކެވެ.