އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
ހަލް ސިޓީ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ހަލް ސިޓީން މި މެޗުގައި ޖެހި ދެ ލަނޑަކީވެސް މެޗުގެ ފުރަތަމަ ހާފުގައި ޖަހާފައިވާ ދެ ލަނޑެވެ.
ޕްރިމިއާ ލީގުން ރެލިގޭޓް ވުމަށްފަހު ޗެމްޕިއަންޝިޕްގައި ވާދަކޮށް މި ސީޒަނުގައި އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ހަލް ސިޓީން ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ހަލް ސިޓީން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނިޓުގައި ސެމީ އަޖޭޔީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގައި ހަލް ސިޓީން ޖެހި ފުރަތަމަ ލަނޑެވެ.
މި މެޗުގައި ހަލް ސިޓީން ޖަހާފައިވާ ދެވަނަ ލަނޑަކީ މެޗުގެ 38 ވަނަ މިނިޓުގައި ނޮބެލް މެންޑީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު 2-0 ގެ ނަތީޖާއަކުން ހަލް ސިޓީ ކުރީގައި އޮތުމާއިއެކު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ވަނީ ދެވަނަ ހާފަށް ނިކުތްއިރު ޕެޓްރިކް ޑޯގޫގެ ބަދަލުގައި މާކަސް ރަޝްފޯޑް ކުޅެން އަރުވާފައެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑްއިން ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް އެ ޓީމަށް ވަނީ ހަލްގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ. އޭގެ ތެރޭގައި މެތިއުސް ކޫންޔާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.