ޚަބަރު

މުދާ ކްލިއަރ ކުރުން އަވަސް ކުރުމަށް ސާކުގެ 4 ޤައުމަކުން އެއްބަސްވުމެއް


  • އުޅަނދެއް ބަނދަރުކުރުމުގެ މައުލޫމާތު ބަދަލުކުރެވޭ ނިޒާމެއް ޤާއިމްކުރާނެ

  • މުދާ އުފުލުގެ ޚަރަދުތައް ކުޑަކުރެވި ކަސްޓަމްސް މަރުހަލާ އަވަސް ކުރެވޭނެ

މުދާ އެތެރެކޮށް ބޭރުކުރުން އަވަސް ކުރުމަށް، އުޅަނދެއް އެ ޤައުމަކަށް ބަނދަރު ކުރުމުގެ ކުރިން މައުލޫމާތު ބަދަލު ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސަރަޙައްދީ 3 ޤައުމެއްގެ ކަސްޓަމްސް އިދާރާތަކުގައި މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެކުނު އޭޝިއާގެ ސަރަޙައްދީ އިޤްތިޞާދީގުޅުމުގެ ކަސްޓަމްސް ގްރޫޕުގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ބައްދަލުވުމުގައި، ރާއްޖެ ހިމެނޭހެން ބޫޓާން، ބަންގްލަދޭޝް އަދި ނެޕާލުގެ ކަސްޓަމްސް މުއައްސާސާތަކުން އެއްބާރުލުން ދިނުމަށް ނިންމާ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރާ ބަސްނެޓް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން، މި ހަތަރު ޤައުމުގެ މެދުގައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކޮށް ބޭރުކުރާ މުދަލުގެ މައުލޫމާތު އެ މުދަލެއް ގެންނަ އުޅަނދު ބަނދަރުކުރުމުގެ ކުރުމުގެ ކުރިން އެ އުޅަނދެއް ބަނދަރު ކުރާ ޤައުމެއްގެ ކަސްޓަމްސް އިދާރާއާއި ހިއްސާ ކުރެވޭނެ ނިޒާމެއް ޤާއިމް ކުރާނެއެވެ. މީގެ ސަބަބުން ދޭދޭ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރި ހަރުދަނާވެ، ކަސްޓަމްސް މުޢައްސާސާތަކުން މުދާ ކްލިއަރ ކުރުން އަވަސް ކުރެވިގެންދާނެއެވެ.

އެއްބަސްވުމާއި ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މި އެއްބަސްވުމުގައި ސަރަހައްދީ އެއްބާރުލުމާއި ކަސްޓަމްސް އިދާރާތައް ގުޅުވާލުމާއި ދިމާލަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން މުދަލެއް އައުމުގެ ކުރިން އެ މުދަލަކާގުޅޭ ފުރިހަމަ މައުލޫމާތު ލިބި، ޤާނޫނާއި ޤަވާޢިދުތައް ތަންފީޒު ކުރުމާއި ބޯޑަރު ސަރަޙައްދުގައި ގުޅުން ވަރުގަދަ ކުރުމަށް މަގުފަހިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ އަމިއްލަ ވިޔަފާރިތަކަށް ބޯޑަރު ސަރަޙައްދުގައި މުދާ ލިބުން ލަސްވުމުގެ މައްސަލައަށް ހައްލެއް ގެނުވައި، މުދާ އުފުލުމުގެ ޚަރަދުތައްވެސް ކުޑަކުރެވޭނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އަދި ސަޕްލައި ޗެއިން ރައްކާތެރިކަން ކަށަވަރުކުރެވި، ދޭދޭ ޤައުމު ދެމެދު ކުރެވޭ ވިޔަފާރިއަށް އަވަސްވެ ވިޔަފާރިވެރިންނަށް އޭގެ ފައިދާ ކުރާނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ސަރަޙައްދީ އިޤްތިޞާދީ ގުޅުމުގެ ކަސްޓަމްސް ގްރޫޕުގެ 14 ވަނަ ބައްދަލުވުން ކުރިއަށް ގެންދަނީ މިމަހުގެ 19 އިން 20 އަށެވެ.