ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅޭ ޖަރުމަނުވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ނުވަތަ ނިއުރޮލޮޖިކަލް ޑިސްއޯޑަރއެއް ތަހައްމަލްކުރަން ޖެހިފައިވާކަމަށް އޭނާ ބުނެފިއެވެ.
މުސިއާލާ ވަނީ ބަޔާން އެންމެ ފަހުން ކުޅުނު ރަހްމަތްތެރިކަމުގެ ދެމެޗުގައިވެސް ކުޅެން ހުއްޓާ ހޭނެތިގެންވެޓިފައެވެ. މުސިއާލާ ބުނީ އޭނާއަށް ނާރުގެ މައްސަލައެއް ކުރިމަތިވެފައިވާކަމަށާއި ނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށެވެ. މުސިއާލާ މިކަން ހާމަކުރިއިރު ހެއިޑެންހެއިމާއި ބަޔާން ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 6 މިނެޓް ފަހުން އޭނާވަނީ ދަނޑު މައްޗަށް ވެއްޓިފައެވެ. އަދި އެމެޗު ކުޅުމުގެ ތިން ދުވަސް ކުރިން އާރްބީ ލެއިޕްޒިގާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް މުސިއާލާއަށް މިމައްސަލަ ދިމާވެފައިވެއެވެ. ހެއިޑެންހެއިމް އާއި ބައްދަލުކުރި މެޗުގައި މުސިއާލާ ދަނޑުމައްޗަށް ވެއްޓުމާއެކު ދެޓީމުގެ ކުޅުންތެރިންވަނީ އޭނާއަށް ފަރުވާދިންއިރު އެހެން މީހުންނަށް އެމަންޒަރު ނުދެއްކުމުގެ ގޮތުން ކުޅުންތެރިޔާ ވަށާލައިފައެވެ.
އަންގާރަ ދުވަހުގެ މެޗަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ޖެހި މެސެޖެއްގައި މުސިއާލާ ބުނީ އޭނާއަށް ނާރުގެ މައްސަލަ އަކާހެދި ވަގުތީ ނަމަވެސް ފަރުވާ ކުރެވޭ އެބްސެންސް ސީޜަރތަކެއް ތަހައްމަލް ކުރަންޖެހިފަައިވާކަމަށެވެ. މިކަމުގެ ސަބަބުން ދާދިފަހުން އޭނާއަށް ދެމެޗެއްގައި ކުރިމަތިވި ކަހަލަ ހާދިސާތައް ދިމާވާނެކަމަށް އޭނާ ހާމަކޮށްފައިއެވެ. މުސިއާލާ ބުނީ މިހާރު މިކަމަށްބޭނުންވާ އެންމެ ރަނގަޅު ފަރުވާ ހޯދަމުން އަންނަ އަދި މިވަގުތީ މައްސަލައަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ލިބިގެންދާނެކަމަށް އޭނާ ގަބޫލްކުރާ ކަމަށެވެ. މުސިއާލާ ބުނީ އޭނާ ފަރުވާހޯދަމުން ދަނީ ނާރުގެ ކަމާބެހޭ ހާއްސަ ޑޮކްޓަރުންގެ ޓިމެއްގެ ލަފާގެ މަތިން ކަމަށާއި މިކަމާ އަދި އޭނާ އެންމެ ކުރާހިތްވާ ކަންތައް ކަމަށްވާ ފުޓްބޯޅަ ކުޅުމަށް އެނބުރި ވަރަށް އަވަހަށް އާދެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. އޭނާ އިތުރަށް ބުނީ ފަހު ދެމެޗުގައި މަންޒަރު ފެންނަ ބަޔަކު ހާސްވެދާނެކަމަށާއި ނަމަވެސް މިއީ ހާސްވާވަރުގެ ކަމެއް ނޫން ކަމަށާއި އަދި މިއީ މިވަގުތަށް ބަލާއިރު އޭނާގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ބަޔެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިއްހީ އިތުރު މައްސަލައެއް ކުރިމަތިނުވާނެކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށްވެސް މުސިއާލާ ބުންޏެވެ.
ބަޔާންއަށް 231 މެޗު ކުޅެދީފައިވާ ޒުވާން ހުނަރުވެރިޔާއަށް ފަހަކަށް އައިސްވަނީ އަނިޔާގެ މައްސަލަ ތަކާއި ކުރިލާންޖެހިފައެވެ. މިގޮތުން މިދިޔަ ސީޒަންގައި ފައިގައި ރެނދެން ލުމުގެ ސަބަބުން 6 މަސް ދުވަހު ކުޅުމާއި ދުރުގައި ހުއްނަން ޖެހުނެވެ. އަދި އެކަމުން ރަނގަޅުވެ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގައި އޭނާ ޖަރުމަނު ޓީމަށް ކުޅުނު ތަން ފެނިގެންދިޔަ ނަމަވެސް އޭނާގެ މޮޅު ކުޅުން މިމުބާރާތުގައި ފެނިގެން ނުދާކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.