ޚަބަރު

ޗެމްޕިއަން ޔުނައިޓެޑް ދިގުވާންޑޮ ސެމީއަށް!


  • މުބާރާތުގައި މިރޭވެސް ތިން މެޗު ކުޅޭނެ

ފުވައްމުލައް ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ދިގުވާންޑޮ ޖާގަ ހޯދައިފިއެވެ. ވެސްޓްރޭޑް ބޮޑުބެ ޗެލެންޖްގެ ސެމީގެ ޖާގައެއް ޔުނައިޓެޑް ދިގުވާންޑޮއަށް ލިބެނީ ހަތަރު ޓީމް ހިމެނޭ ގްރޫޕްގައި ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކުރުމުންނެވެ.

ދެވަނަ މެޗު އުނދަގުލުން ކާމިޔާބުކުރީ ގަލޯނާ ސްޕޯރޓްސް ކްލަބާ ވާދަކޮށް 2-1 ނެވެ. މެޗުގައި ޔުނައިޓެޑް ދިގުވާންޑޮ އަށް ލީޑް ނަގައިދިނީ ފުރަތަމަ ހާފްގައި އަހުމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) އެވެ. އެކަމަކު ޒަޔާން ޝަރީފް ދެވަނަ ހާފްގައި ޖެހި ރީތި ގޯލުން ގަލޯނާ ސްޕޯރޓްސް ކްލަބުން ނަތީޖާ ހަމަހަމަ ކުރިއެވެ. މާގިނަ އިރު އެގޮތުގައި ދެމިއޮންނަން ފުރުޞަތު ނުދީ ޔުނައިޓެޑް ދިގުވާންޑޮ މެޗުން މޮޅުކޮށްދިނީ އަލީ ހައިސަމް (ޗުމްޕު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މިގްރޫޕުން އިތުރު ދެޓީމަށް ހަ ޕޮއިންޓް ހޯދައިގެން ސެމީއަށް ދިއުމުގެ ފުރުޞަތެއް ނެތެވެ.

މުބާރާތް އައްޔަނި ސްޕޯރޓްސް ކްލަބުން ފެށީ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެއީ ހޯދަޑު އެކަޑަމީއާ ވާދަކޮށް 21-1 ން ކުރި ހޯދައިގެންނެވެ. މެޗުގައި ކެޕްޓަން އަލީ ޝަމާލް އަބްދުالله (ޝައްމު) 8 ގޯލް ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ޝައްމު އެވެ. ހުސެއިން ޝަރީފް (އޮންލީ) ވެސް މެޗުގައި ތިން ލަނޑު ޖެހިއެވެ. ފުރަތަމަ ދެ ލަނޑު ޖެހީ އިސްމާއީލް އަލީފް އަހުމަދުއެވެ. މުޙައްމަދު ނާޖިހު ނަޒުމީވެސް ދެ ގޯލް ޖެހިއެވެ. ދެން ލަނޑު ޖަހައިދިނީ މުޙައްމަދު ހަފީޒު އާއި އަބްދުالله ރަޝީދު އެވެ.

ހޯދަޑު އެކަޑަމީގެ ހަމައެކަނި ލަނޑު ޖެހީ ޔޫނުސް އަބްދުالله މުފީދު އެވެ. ދެ މެޗުންވެސް ތަފާތު ބޮޑުކޮށް ބަލިވެ, ހޯދަޑު އެކަޑަމީއަށް މިހާރު ސެމީގެ ފުރުޞަތެއް ނެތެވެ. އެކަމަކު ގްރޫޕް ސްޓޭޖްގައި އަދި ބާކީ އެއް މެޗު އޮންނާނެއެވެ.

މުބާރާތުގައި ހޯދަޑު ސްޕޯރޓްސް ކްލަބް ވަނީ ފުރަތަމަ މެޗުން ރަނގަޅު ފެށުމެއް ހޯދާފައެވެ. އެއީ ދަށި ކިޅި ކްލަބް 9-1 ން ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު އަފްލާޒު 4 ގޯލް ޖެހިއެވެ. އަދި އާރިފް އަހުމަދު ދެ ގޯލް ޖެހިއެވެ. ދެން ލަނޑުތައް ޖަހައިދިނީ އަލީ ޝިޔާހު, މުޙައްމަދު އިސާމް, އަދި އަހުމަދު ނާއިމް އިބްރާހީމް އެވެ. މެޗުން ބަލިވިޔަސް ދަށި ކިޅި ކްލަބަށް އަދި ސެމީގެ ފުރުޞަތު އެބައޮތެވެ. އެމީހުން ފުރަތަމަ މެޗުން ތަފާތު ބޮޑު މޮޅެއް ހޯދިއެވެ.

މުބާރާތުގައި މިރޭވެސް ތިން މެޗު ކުޅޭނެއެވެ.