ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ 47 ޢާއިލާއަކަށް ޔަހޫދީން ފެން ކަނޑާލައިފިއެވެ. އޭގެ ސަބަބުން ފަލަސްޠީނުގެ 300އަށްވުރެ ގިނަ ރައްޔިތުން ވަނީ އެހެން ސަރަޙައްދަކަށް ދިރިއުޅުން ބަދަލުކުރުމަށް މަޖުބޫރުވުމުގެ ނުރައްކަލަށް ހުށަހެޅިފައެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަކީ މައުސޫމު ކުޑަކުދިންނެވެ.
އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާއަކުން ބުނީ ރަައުސު އަލްއަޙްމަރް އާއި އަލް ތާލައާއި ޣައުތު އަލް އުރުދުންގެ އަތޫފްގައި ދިރިއުޅޭ ޢާއިލާތަކަށް ފެން ސަޕްލައިކޮށްދޭ ފެން ހޮޅިތައް މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީން ކަނޑާލާފައިވާ ކަމަށެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަކީ ދަނޑުވެރިކަމާއި ބަކަރި ހުއިހެއްޕުން ފަދަ މަސައްކަތްތަކަށް ބަރޯސާވާ ބަޔަކަށް ވީއިރު، އެ ސަރަޙައްދުތަކަށް ފެން ނުލިބޭ ގޮތަށް ފެން ކަނޑައިލުމަކީ އެ ރަށްތައް ދޫކޮށް އެހެން ސަރަޙައްދަކަށް ބަދަލުވުމަށް ރައްޔިތުންނަށް މަޖުބޫރުކުރުވާ ފަދަ ޢަމަލެއް ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ޔަހޫދީން ފެން ކަނޑާލާފައި ވަނީ ސަރަޙައްދުތަކެއް ވަކިކުރުމަށް ފާރެއް ރޭނުމަށް ޔަހޫދީން ކޮނުމުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މަސައްކަތްތަކުގެ ސަަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ދަނޑުބިންތަކަށާއި ގްރީން ހައުސްތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި އެ ސަރަޙައްދުތަކުގައިވާ ޒައިތޫނި ގަސްތައް ވެސް ވަނީ ބިމުން ކޮނެލައިފައެވެ. އަދި ފެން ދައުރު ކުރުމަށް އަޅާފައިވާ ފެން ލައިންތައް ވެސް ވަނީ ސުންނާފަތިވެފައެވެ. 22 ކިލޯމީޓަރުގެ ސަރަޙައްދެއް ވަކިކުރުމަށް ކުރަމުންދާ މި މަސަައްކަތަކުގެ ސަބަބުން ފަލަސްޠީނުގެ ގިނަ ރައްޔިތުންތަކެއް އެ މީހުންގެ ބިންތަކުން އެކަހެރި ކުރުމަށް ޔަހޫދީންނަށް ފުރުޞަތު ލިބޭނެއެވެ. އަދި 50 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ފޭރިގަތުމުގެ ފުރުޞަތު ވެސް ޔަހޫދީންނަށް މަގުފަހިވާނެއެވެ.
ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ޣުސްރާގައި ހުންނަ ފަލަސްޠީނުގެ ޢާއިލާތައް ދިރިއުޅޭ ތިން ގެޔެއް ވެސް ވަށާލައިފައެވެ. ޔަހޫދީން އެ ގެތައް ވަށާލިތާ 10 ދުވަސް ފާއިތުވެފައިވާއިރު، އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯ ފެނާއި އެހެން ޒަރޫރީ ސާމާނު ފޯރުނުކޮށްދެވިފައެއް ނުވެއެވެ.