ޒުވާނުން ޝައުގުވެރިވާގޮތަށް ޑިޖިޓަލް ގޮތްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ޕަލްސް، އާބާދީގެ ވިންދު 2045 އެގްޒިބިޝަން" ހުޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ ޒަމާނީ ގޮތަކަށް އާބާދީއާއި ގުޅުން ހުރި މަޢުލޫމާތުތައް ލިބިގެންދާ މި އެގްޒިބިޝަނަކީ ޒުވާނުންނަށް ޝައުގުވެރި އެގްޒިބިޝަނަކަށް ވާނެކަމަށެވެ. މި އެގްޒިބިޝަނުން ގިނަ ބަޔަކު ދެކޭގޮތް ހާކުރުމުގެ ފުރުޞަތު ލިބިފައިވުމާއެކު ވީހާވެސް ގިނަ ބަޔަކު އެގްޒިބިޝަންގައި ބައިވެރިވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ޕަލްސް އެގްޒިބިޝަނަކީ ބާދީ އާއި އިޖުތިމާޢީގޮތުން އަންނާނެ ބަދަލުތަކާއެކު 2045އަށް ރާއްޖޭގެ މިސްރާބު ހުރި ގޮތުގެ މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެންނަ އެގްޒިބިޝަނެކެވެ. ވަޒީރު ވިދާޅުވީ ގައުމުގެ ކަންކަމާއި ގުޅުން ހުރި މަޢުލޫމާތުތައް އެނގުމާއި ކަންކަމާއި މެދު ޚިޔާލު ހުށަހެޅުމުގައި ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރަންޖެހޭކަމަށެވެ. އެ ދާއިރާތަކުން ޒުވާނުންގެ ހިއްސާ އިތުރުކުރެވޭނީ ޒުވާނުންނާއި ގުޅުންހުރި ގޮތަކަށް މަޢުލޫމާތުތައް ޙިއްސާކޮށްދެވިގެންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިއީ ޒުވާނުންނަށް ވަރަށް މަޤްބޫލު އެގްޒިބިޝަނަކަށް ވާނެ. ޒުވާނުންވެސް މިފަދަ ޑިޖިޓަލް ޕްލެޓްފޯމެއްގެ ބޭނުން ހިފުން މުހިންމު." ސިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވިއެވެ.
ރާއްޖެއަކީ އުފެދުމުގައި ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮތް ޤައުމަކަށްވުމަކީ ޑިމޮގްރަފިކް އަދި އެހެނިހެން ގޮތްގޮތުން އަލަށް އުފެދެމުން އަންނަ އޮއިވަރުތައް ދެނެގަތުމުގެ އިތުރުން، އެ ކަންކަމަށް ތައްޔާރުވުމަށް އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މުސްތަގުބަލާ މެދު ވިސްނާއިރު، އަޅުގަނޑުމެން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް އާބާދީއަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫންކަމަށެވެ. އެއީ ހުރިހާ ޖީލުތަކަކަށް އިންސާފާއި، ފުރުސަތުތަކާއި، ފެންވަރު ރަނގަޅު ދިރިއުޅުމެއް ކަށަވަރުކޮށްދިނުމާ ގުޅިފައިވާ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ އާބާދީގެ އޮނިގަނޑަށް މިހާރު ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންދޭ. އާބާދީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ މެދު އަލުން ވިސްނަން މިވަނީ މަޖުބޫރުވެފަ." ސިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ "ޕަލްސް، އާބާދީގެ ވިންދު 2045 އެގްޒިބިޝަން"އަކީ އެކަމަށް އަމަލީ ގޮތުން މަސައްކަތް ފެށުމަށް ގޮވާލާ ގޮވާލުމެއް ކަމަށެވެ.