ޚަބަރު

ގުރައިދޫ މަރުކަޒު "ސްޓޭޓް އޮފް ދި އާޓް" ފެންވަރަށް ތަރައްޤީކުރަނީ


  • ވަޒީރުންގެ މަޖިލީހުން ވަނީ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަން ނިންމާފައި

  • އެ މަރުކަޒުން މިހާތަނަށް 60 މީހަކަށް ފަރުވާދީ އަނބުރާ މުޖްތަމަޢަށް ވަނީ ނެރެފައި

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ޒަމާނީ އަދި ހުރިހާ ޚިދުމަތެއްވެސް ލިބޭ މަރުކަޒަކަށް ހެދުމުގެ މަސައްކަތް ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މާލެއަތޮޅު ގުރައިދޫގައި ތަރައްޤީކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހުންނަ އިމާރާތަކީ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިމާރާތެކެވެ.

ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތް ހަރުދަނާ ކުރުމަށް ވަޒީރުން މަޖިލީހުން ވަނީ އާދީއްތަ ދުވަހު ނިންމަވާފައެވެ. މިގޮތުން އެ މަރުކަޒަކީ ހުރިހާ ޚިދުމަތްތަކެއް ލިބޭ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހެދުމަށްޓަކައި، އެ މަރުކަޒު އަޕްގްރޭޑްކުރުމުގެ ކަންކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކުން ހޯއްދަވައިގެން މިކަން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ގުރައިދޫގައި ހުންނަ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ވަނީ އެ މަރުކަޒުގެ އައު އެކޮމޮޑޭޝަން އިމާރާތް ބްލޮކުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރު ހަވާލުވިއިރު އެތަނުގައި ވަސީލަތްތައް ނެތުމުގެ މައްސަލަ އޮތީ ކުރިމަތިވެފައެވެ. އެގޮތުން ފުރަތަމަ އެތަނުގައި އެމީހުންނަށް ބޭނުންވާ އެނދާއި، ކާބޯތަކެތީގެ އިންތިޒާމްތައް ރަނގަޅު ކުރުން ފަދަ ކަންކަން ކުރަން ޖެހުނު ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުން ނުކުންނަ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ކުރިން، އެމުޖުތަމަޢެއްގައި ހިމެނޭ މުއައްސަސާތަކާއި، އެމީހެއްގެ ޢާއިލާއަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީ އެމީހަކަށް ފަހި ވެއްޓެއް ޤާއިމުކުރުމެވެ. އަދި ފަރުވާއަށްފަހު ނުކުންނަ މީހުންގެ ތެރެއިން ވަޒީފާއަށް ދާން އެދޭ ފަރާތްތަކަށް މަރުކަޒުގެ އެހީގައި އެ ފުރުޞަތު ފަހިކޮށްދީ، އަބުރުވެރި ދިރިއުޅުމެއް ހޯދޭނެ މަގު ކަށަވަރު ކުރުމެވެ. މިއާއެކު އެމީހަކީ، ފަރުވާއަށްފަހު ޢާއިލާއަށް ބުރައަކަށްވުމުގެ ބަދަލުގައި އަމިއްލައަށް ކަންކަން ކުރެވޭނެ މީހެއްގެ ގޮތުގައި ޢާއިލާތަކަށްވެސް ޤަބޫލުކުރެވޭނެ މަގުފަހިކޮށްދިނުމަކީ މަރުކަޒުން މިހާރު ޚާއްޞަ ސަމާލުކަމެއް ދެމުންދާ ކަމެކެވެ.

މިދިޔަ ޖޫންމަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިއްޙަތާއި، ޢައިލާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވަނީ އެ މަރުކަޒުގައި ތިބި 60 މީހުންނަށް ފަރުވާދެވި، އަނބުރާ މުޖުތަމަޢަށް ނެރެވިފައިވާކަން ހާމަކޮށްފައެވެ.