ޚަބަރު

ކުޅިވަރުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އާންމުކޮށްފި


ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހެދި ދިރާސާ ރިޕޯޓް އާންމުކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން އެ ކޮމިޝަނުން މި ދިރާސާ ކުރި މައިގަނޑު މަގުސަދަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކުން ފައިސާ އަދި ފަންޑު ހޯދާ ގޮތާއި، މުދަލާއި ފައިސާ ބަލަހައްޓައި ޚަރަދުކުރާ ގޮތް ބެލުމާއި، ކުޅިވަރު އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ގާނޫނީ އަދި މުއައްސަސާ އޮނިގަނޑު އެކުލެވިފައިވާ ގޮތް ދެނެގަނެ އެކަންކަމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމާއި، އިސްލާހުކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެފަދަ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމެވެ.

އޭސީސީ އިން ބުނީ މި ދިރާސާގައި ކުޅިވަރު ހިންގުމުގެ ނިޒާމުގައި ކޮރަޕްޝަނަށް މަގުފައިވެފައިވާ ކަންކަން އިސްލާހު ކުރުމަށް 18 އިސްލާހެއް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، މާލީ ޖަވާބުދާރީވުން ހަރުދަނާކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ އެންމެހާ އާމްދަނީއާއި ކުރާ ޚަރަދުތައް ހާމަކުރުން ޤާނޫނުން ލާޒިމްކުރުމަށާއި، ހަރުދަނާ ފައިނޭންޝަލް ރިޕޯޓިން ފްރޭމްވޯކެއް އެކުލަވާލުމަށް ލަފާދީފައިވެއެވެ. އަދި ޤަވާޢިދުން މިނިވަން މާލީ އޮޑިޓްތައް ހެދުމާއި، ވެރިންނާއި ހިރާސް ބޮޑު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ވެބްސައިޓުގައި ޝާއިޢުކުރުން ލާޒިމްކުރުން ހިމެނެއެވެ. މީގެއިތުރުން، އެކަޑަމީތަކުގެ ފެންވަރާއި، ކޯޗުންގެ ޝަރުތުތަކާއި ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، ކުޅިވަރާބެހޭ ވުޒާރާއިން ޕީރިއޮޑިކް އިންސްޕެކްޝަންތައް ހިންގުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، މަޤާމުތަކަށް ނަޒާހަތްތެރި އަދި ޤާބިލް ފަރާތްތައް އައްޔަންކުރުމަށާއި، ޝަކުވާ ހުށަހަޅައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށް ރިޕޯޓުގައި ބާރުއަޅާފައިވެއެވެ. އަދި ދަނޑުތަކުން ލިބެންޖެހޭ ފައިސާގެ އޮޑިޓެއް ހެދުމާއި، ސްކޮލަރޝިޕް ދިނުމާއި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުމަށްވެސް ލަފާދީފައިވެއެވެ. އަދި ކުޅިވަރާބެހޭ ޤާނޫނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، މަސްއޫލިއްޔަތުތަކާ ގުޅިގެން ޕާފޯމަންސް އޮޑިޓް ފުރިހަމަކުރުމަށް ވަނީ އިރުޝާދު ދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، ގައުމީ ފެންވަރުގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް ކުޅިވަރުގެ ދާއިރާ ވަނީ ނުރައްކާތެރި ނިވާފަތްގަނޑަކަށް ހަދާފައި ކަމަށެވެ. އަދި ދައުލަތުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދޭ އެތައް ފައިސާއަކަށް ހިޔާނަތްތެރިވެ، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބްތަކާ ގުޅޭގޮތުން އިވެމުންދާ ކަންބޮޑުވާފަދަ އަޑުތަކަކީ ލޯމަރައިލައިގެން ތިބެވޭނެ ކަންކަމެއް ނޫން ކަމަށާއި، ކުޅިވަރު ދާއިރާގައި ކޮރަޕްޝަނަށް އޮތް ހިރާސް ބޮޑު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ހާލަތު ބަދަލުކުރަން ޖެހޭ ކަމަށާއި، ކުޅިވަރުގެ ނަޒާހާތްތެރިކަން ގެއްލިއްޖެނަމަ އޭގެ ސަބަބުން ކުޅުންތެރި ކުރާ ހިތްވަރާ، ވާ ގުރުބާނީގެ އަގެއް ނޯންނާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށްކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލބަތަކަށް ދައުލަތުން ދޫކުރާ ފައިސާ ޚަރަދުކުރާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށާއި، އޮޑިޓުގެ ނިޒާމު މިހާރު ވާނީ ހަރުދަނާކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެސޯސިއޭޝަންތަކުން މާލީ މުއާމަލާތްތައް ކުރުމަށް ދެފުށް ފެންނަ ގޮތަކަށް ބެހެއްޓުމަށްޓަކައި ހަރުދަނާ މާލީ އުސޫލުތަކާއި ގައިޑްލައިތަކެއް ތައާރަފުކޮށް އެކަމަށް އަމަލުކުރުން ވާނީ ލާޒިމުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.