ކަޕް ވިނާސް ކަޕުގެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގު ބުރުގެ ފަހު މެޗުގައި ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނައީ ފައިނަލުގެ ކުރިން ކުޅުންތެރިންނަށް އަރާމު ކުރަން ވަގުތު ދޭން ކަމަށް އެ ޓީމުގެ ކޯޗު ފްރެންސިސްކޯ މެނުއަލް ޕަލްމޭރޯ ބުނެފިއެވެ.
އާދީއްތަ ދުވަހުގެރޭ ކަޕް ވިނާސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ޕަލްމޭރޯ ބުނީ، މި މެޗަށް ވެސް ނިއުރޭޑިއަންޓުން ނުކުތީ މޮޅުވާން ކަމަށެވެ. އެކަމަކު މެޗުން އެއްވަރުވި ނަމަވެސް، މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ޕޮޒިޓިވްކަންތައްތަކެއް ކަމަށް ޕަލްމޭރޯ ފާހަގަކުރިއެވެ.
ޕަލްމޭރޯ ބުނީ މި މެޗާ ހިލާފަށް ފައިނަލުގައި ނިއުގެ ފަރާތުން ފެންނާނީ ތަފާތު ކުޅުމެއް ކަމަށް ޕަލްމޭރޯ ބުންޏެވެ.
"އަހަރެންގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އެޓިޓިއުޑާ މެދު އަހަރެން ހިތްހަމަ ޖެހޭ. މި މެޗުން ޕޮޒިޓިވްކަންތައްތަކެއް ފެނިއްޖެ، ފައިނަލު މެޗަކީ ތަފާތު މެޗެއް." ޕަލްމޭރޯ ފާހަގަކުރިއެވެ.
ޕަލްމޭރޯ ބުނީ މި މެޗަށް ނިއުއިން ނުކުތީ ފުރަތަމަ އެގާރަ އަށް ބޮޑު ބަދަލެއް ގެނަސްގެން ކަމަށެވެ. އެގޮތުން އެ ޓީމުގެ އެންމެ އިތުބާރު ފޯވާޑް ޑޮލިއަރަންޓް މި މެޗުގައި ޓީމުން ނުފެންނައިރު، ޕަލްމޭރޯ ބުނީ ޑޮލިއަރަންޓަކީ މެޗުގެ ނަތީޖާ ކޮންމެ ވަގުތަކުވެސް ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ.
ނިއުރޭޑިއަންޓާ މާޒިޔާ ބައްދަލުކުރާ ކަޕް ވިނާސް ކަޕުގެ ފައިނަލް މެޗު ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުގެރެއެވެ.