ޚަބަރު

ޞުލްޙައިގެ މަޝްވަރާތައް މަޑުޖެހި، ހުރްމުޒްގެ ދަތުރުތައް ހުއްޓުމެއްގައި!


މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ ޞުލްޙައިގެ މަޝްވަރާތައް މަޑުޖެހި، ހުރްމުޒް ކަނޑުއޮޅިން ކުރަމުންދާ ދަތުރުތައް އަނެއްކާ ވެސް މަޑުޖެހިއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ހުރަސް އެޅިފައި އޮތް އޮތުމަށް ދެން ވާނެ ގޮތަކާ މެދު ސުވާލު އުފެދިފައި މި ޙާލަތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އެއް މިނެއްގައި ވަނީ ހިފެހެއްޓިފައެވެ. މި ދުވަސްވަރު ތެޔޮ ފީފާއެއްގެ އަގު ހުރީ 90 އެމެރިކާ ޑޮލަރަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މައި މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު މިހާރު ހުރީ ފީފާއެއް 88.58 ޑޮލަރުގައެވެ. އަދި ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު ހުރީ ފީފާއެއް 82.22 އެމެރިކާ ޑޮލަރަށެވެ.

އިންވެސްޓަރުން ދަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅިއަށް ކުރިމަތިވެފައިވާ ޙާލަތު ގާތުން ބަލަމުންނެވެ. ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެވެ. އެ ގޮތުން ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ފަސްބައި ކުޅަ އެއްބަޔަކީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އުފުލާ މުދަލެވެ.

އިންވެސްޓަރުން ތިބީ އަދިވެސް އިތުރަށް ޙާލަތު ގޯސްވެ، ތެލުގެ ސަޕްލައި ބޮޑުތަނުން މަދުވެދާނެ ކަމަށް ވިސްނައިގެންނެވެ. އަދި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލެވޭނެ ފަދަ ޙާލަތެއްގައި ތެލުގެ އަގު ކުއްލިއަކަށް ދަށަށް ގޮސްދާނެ ކަމާމެދު ވެސް އިންވެސްޓަރުން ވިސްނައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އަބޫ ދާބީގެ ޤައުމީ ތެޔޮ ކުންފުނީގެ ދެ ޓޭންކަރަކަށް ހުރްމުޒް ކަނޑުއޮޅީގައި ހަމަލާއެއް ދިނުމާއި ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ކުންފުނި، އަރާމްކޯގެ ރިފައިނަރީއަކަށް ދިން ހަމަލާއަކާ ގުޅިގެން ބްރެންްޓް ކްރޫޑްއާއި ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު ވަނީ 5 އިންސައްތައިން އުފުލިފައެވެ.

ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުގެ ޢަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އޮގަސްޓު މަހުގެ 15ވަނަ ދުވަހު އެ ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އެންމެ ފަސް އުޅަނދެކެވެ. ޖެހިގެން އައި ދުވަހު އެއްވެސް އުޅަނދެއް އެ މަގުން ދަތުރުކޮށްފައެއް ނުވެއެވެ. ހަނގުރާމައިގެ ކުރިން އެ މަގުން ދުވާލެއްގެ މައްޗަށް އެތައް އުޅަނދެއް ދިޔައީ ދަތުރުކުރަމުންނެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ ޞުލްޙަވެރި މަސައްކަތްތަކުން ކުރިއެރުމެއް ލިބިފައި ނުވާއިރު، ޙާލަތު ދެން ބަދަލުވެގެން ދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ވަނީ އެމެރިކާއާއެކު އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދިޔުމާ މެދު އެ ޤައުމުން އަދި ގޮތެއް ނުނިންމާ ކަމަށް ވިދާޅުވެފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، އިސްމާޢީލް ބަޣާއީ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން ޢުމާންއާއެކު ކުރަމުންދާ މަޝްވަރާތައް އަދިވެސް ކުރިއަށް ދާ ކަމަށެޗވެ. އެ މަޝްވަރާތައް ދިގުލައިގެން ދަނީ މައްސަލައިގެ ބާވަތުން ކަމަށާއި އެއްބަސްވުމަކާ ހަމައަށް އައުން ހުއްޓުުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އީރާނުގެ އިސްވެރިޔަކު ވަނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެމެރިކާއިން އިބްތިދާޢީ ޞުލްޙައިގެ އެއްބަަސްވުމެއް ފުރިހަމައަށް ތަންފީޛް ނުކުރާ ނަމަ އެ ޤައުމުން ހުރްމުޒް ކަނޑުއޮޅިއާއި އިތުރު ސަރަޙައްދުތައް ވެސް އިތުރަށް ހަލަބޮލިކޮށްލުމުގެ ފުރުޞަތު އޮތް ކަމުގެ އިންޒާރު ދެއްވައިފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ އަގުތައް މާ ބޮޑަށް އުފުލުން އެކަށީގެނެއް ނުވެއެވެ. ތެލުގެ އަގުތައް ދެން ބޮޑުތަނުން އުފުލޭނެ ކަމަށް ބެލެވެނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް މިހާރު ތެޔޮ އުފުލޭ މިންވަރަށް ތެޔޮ ނުއުފުލޭ ޙާލަތުގައެވެ. އަދު ބާބް އަލް މަންދަބް ކަނޑުއޮޅި ބަންދުކޮށްފި ނަމައެވެ.