އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ މިދިޔަ ތިން އަހަރުގެވެސް ޗެމްޕިއަން ޖޯލި ބީން ބަލިކޮށް، ދަ ސްޓެންޑާޑް އިން ވަރުގަދަ ފެށުމެއް ހޯދައިފިއެވެ.
ރާއްޖޭގައި މިހާރު ބާއްވާ އެންމެ ފެންވަރު ރަނގަޅު އެއް ވޮލީބޯޅަ މުބާރާތުގައި ޗެމްޕިއަން ޖޯލި ބީންގެ މައްޗަށް ދަ ސްޓެންޑާޑް ކުރި ހޯދީ 3-1 ސެޓުންނެވެ. ރ.މީދޫ އެކުވެރި ކްލަބުން އެރަށުގައި ކުރިއަށް ގެންދާ މުބާރާތުގައި ދަ ސްޓެންޑާޑް އިން ފުރަތަމަ ސެޓް 25-20 ން ގެންދިޔައެވެ. އެކަމަކު ޖެހިގެން އައި ސެޓް ހަމަ ސްކޯއިން ޖޯލި ބީން ގެންދިއުމުން މެޗުގެ ވާދަވެރިކަން ބޮޑުވިއެވެ. އެކަމަކު ތިންވަނަ ސެޓް އަލުން 25-20 ން ހޯދުމަށްފަހު ދަ ސްޓެންޑާޑް އިން އިތުބާރު ބޮޑުކުރިއެވެ. އެއިތުބާރުގެ މަތީގައި ކުޅެ ހަތަރުވަނަ ސެޓް 25-17 ން ހޯދާ ޗެމްޕިއަން ޓީމް ބަލިކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދަ ސްޓެންޑާޑްގެ މަހޭޝް އެވެ. މިދެޓީމް ހިމެނެނީ ގްރޫޕް ބީގައެވެ.
މުބާރާތުގައި މިރޭ ވާދަކުރާނީ ގްރޫޕް އޭގެ ކޯރާ ކޯރާ އާއި ރީތި ފަރެވެ. ރިތި ފަރު ވަނީ ފުރަތަމަ މެޗުގައި ބަނޑޮސް އަތުން ބަލިވެފައެވެ. އެހެންކަމުން މިމެޗަކީ ރީތިފަރަށް މޮޅުވާން މަޖުބޫރު މެޗެކެވެ.