ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ދަތުރުވެރިންނަށް އިތުރު ލުއިތައް ހޯދާދިނުމުގެ މަގުސަދުގައި "މޯލްޑިވިއަން ޖާރނީ ޕްލަސް" ގެ ނަމުގައި އައު ޚިދުމަތްތަކެއް ތަޢާރަފުކޮށްފިއެވެ.
މޯލްޑިވިއަންއިން ވިދާޅުވީ މި ޚިދުމަތްތައް ތައާރަފުކުރެވުނީ ދަތުރުފަތުރުގެ ކަންކަން ތަރުތީބުކުރުމުގައި ދަތުރުވެރިން ބޭނުންވާ ފަސޭހަތަކާއި އަމިއްލަ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށްގެންކަމަށެވެ. މި މަސައްކަތުގެ ފުރަތަމަ މަރުހަލާގައި "ޖާރނީ ޕްލަސް" ސަބް-ބްރޭންޑްގެ ދަށުން ދަތުރުވެރިންގެ ބޭނުންތަކާ އެއްގޮތަށް ދަތުރުގެ ކަންކަން ބައްޓަންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޖާރނީ ޕްލަސް ޕްރީމިއާ: އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންނަށް ޕްރިއޯރިޓީ ޗެކް-އިން އަދި ބެގޭޖް ހޭންޑްލިންގް ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ދަތުރުވެރިންނަށް ޕްރިއޯރިޓީ ބޯޑިންގްގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. އެތެރޭގެ އުދުހުންތަކުގައި މި ޚިދުމަތް 249 އަދި ބައިނަލްއަޤްވާމީ އުދުހުންތަކުގައި 25 ޑޮލަރ ދައްކައިގެން މި ޙިދުމަތް ބައްލަވައި ގަނަވޭނެކަމަށެވެ.
ޖާރނީ ޕްލަސް ބޭގްސް: އިތުރު ލަގޭޖް ގެންދަން ބޭނުންވާ ދަތުރުވެރިންނަށް، ދުރާލާ ހެޔޮ އަގުތަކެއްގައި އިތުރު ބެގޭޖް ގަތުމުގެ ފުރުސަތު ލިބޭނެއެވެ. މޯލްޑިވިއަންއިން ވިދާޅުވީ ޑޮމެސްޓިކް ދަތުރުތަކުގައި މި ޙިދުމަތުގައި 3 ކިލޯ 6 ކިލޯ، 9 ކިލޯ އަދި 12 ކިލޯއާއި އެޑޯން ގަތުމުގެ ފުރުސަތު ލިބޭނެކަމަށާއި ފެށޭ އަގަކީ 150 ރުފިޔާކަމަށެވެ. އަދި އިންޓަރނޭޝަނަލް ދަތުރުތަކުގައި 5 ކިލޯ، 10 ، ކިލޯ އަދި 15 ކިލޯއާއި ހަމައަށް އެޑޯން ގަތުމުގެ ފުރުސަތު ލިބޭނެކަމަށާއި ފެށޭ އަގަކީ 25 ޑޮލަރކަމަށެވެ.
ޖާރނީ ޕްލަސް ރީލެކްސް: މޯލްޑިވިއަންގެ ކަނޑައެޅިފައިވާ ލައުންޖްތަކުގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން މާލެ މޫމިނާ ލައުންޖު އަދި ދަރަވަންދޫ އެއަރޕޯޓުގައި އިން ލައުންޖުން ހިދުމަތް ބޭނުން ކުރެވޭނެކަމަށެވެ. މި ޚިދުމަތުގައި ފެށޭ އަގަކީ 300 ރުފިޔާކަމަށް މޯލްޑިވިއަންއިން ވިދާޅުވިއެވެ.
ޖާރނީ ޕްލަސް އަޕްގްރޭޑް: ބައިނަލްއަގުވާމީ ދަތުރުތަކުގައި، ޖާގަ އޮތް މިންވަރަކުން އެކޮނޮމީ ކްލާސްއިން ބިޒްނަސް ކްލާސްއަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
ޖާރނީ ޕްލަސް ބައިޓްސް: އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންނަށް، ދުރާލާ އޯޑަރުކޮށްގެން ބޯޓުމަތީގައި ލިބޭނެ ލުއިކާނާ އާއި ބުއިންތަކުގެ ޕެކޭޖެކެވެ.
"ޖާރނީ ޕްލަސް" ގެ ޚިދުމަތްތައް މޯލްޑިވިއަންގެ ކޯލް ސެންޓަރު، ވައިބަރ، ވަޓްސްއެޕް، ޓިކެޓިންގ އޮފީސް އަދި ސޭލްސް އެޖެންޓުން މެދުވެރިކޮށް، ދަތުރު ފުރުމުގެ 24 ގަޑިއިރު ކުރިން ގަނެވޭނެއެވެ. މި މަޝްރޫއުގެ ދެވަނަ މަރުހަލާގައި ސީޓް ސިލެކްޝަން ފަދަ އިތުރު ލުއިފަސޭހަތައް ހިމެނުމަށް ވަނީ ރޭވިފައެވެ.
މި އައު ޚިދުމަތާއެކު، މޯލްޑިވިއަންއިން ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދޭ އަރާމު އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ހަރުދަނާކުރުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެއެވެ.