ޚަބަރު

އެކަނިވެރި މައިން/ބަފައިންނަށް 17 މިލިޔަނަށްވުރެ ގިނަ ރުފިޔާ


  • 3،313 މައިން ނުވަތަ ބަފައިންނަށް އެހީތެރިކަން ދީފައިވޭ

  • މިދިޔަމަހު މުޅިން އަލަށް 112 މީހުން ރަޖިސްޓްރީކުރި

  • އޭގެތެރޭގައި 5،687 ކުޑަކުދިން ހިމެނޭ

މިދިޔަ މަހު ފަޤީރު ޙާލަތުގައި ދިިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް 17 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ހަމަޖައްސާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން އަންނަނީ، އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 3،313 މައިން ނުވަތަ ބަފައިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެއީ 5،687 ކުޑަކުދިންނެވެ. އަދި މިދިޔަ މަހު އެހީ ބޭނުންވެގެން މުޅިން އަލަށް 112 މީހުން ރަޖިސްޓްރީވިއިރު، 207 ކުއްޖަކު ވެސް ވަނީ އަލަށް ރަޖިސްޓްރީކޮށްފައެވެ. މި ފަރާތްތަކަށް މިދިޔަ މަހު އެންސްޕާއިން ވަނީ، 17،061،000 ރުފިޔާ ޚަރަދުކޮށްފައެވެ.

އެންސްޕާއިން ވަނީ، ފަޤީރު ޙާލަތުގައި ދިިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް މިދިޔަ މަހު އެހީ ދިން ގޮތުގެ ތަފްސީލުވެސް ހާމަކުރައްވާފައެވެ. އެގޮތުން މިދިޔަ މަހު މިބައިން 98 ބެލެނިވެރިއަކަށް އެހީ ދިންއިރު 132 ކުދިން ހިމެނެއެވެ. އަދި މިބައިން 181،000 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު އެންސްޕާއިން ވަނީ، ފަޤީރު ހާލަތުގައި ދިރިއުޅޭ 659 ފަރާތަކަށް ކާބޯތަކެތި ގަތުމަށް އެހީތެރިކަން ދީފައެވެ. އެކަމަށް 26،360 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެކަނި ދަރިން ބަލަހައްޓާ މައިންނާއި، ބަފައިންނަށް މާލީ އެހީދިނުމާ ބެހޭ ޤަވާއިދަށް 2025 ވަނަ އަހަރު ގެނައި އިސްލާހާއެކު ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. މިއާއެކު 4 ކުދިން ތިބި ފަރާތްތަކަށް 12،000ރ. އާ ހަމައަށް އެހީތެރިކަން ލިބޭނެއެވެ. ޤަވާއިދަށް ގެނައި އިސްލާހާއެކު، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އަހަރެއްގެ ތެރޭގައި ލިބޭނީ، 144،000ރ. އެވެ. ސަރުކާރުން ގެނައި މިބަދަލަކީ އެކަނި ދަރިން ތަރުބިިއްޔަތު ކުރުމުގެ ޒިންމާއާ ހަވާލުވެ ތިބި، މަންމައިންނާއި ބައްޕައިންނަށް ލިބިގެން ދިޔަ ހިތް ހަމަޖެހުމެކެވެ.