ޚަބަރު

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަޑުގެ ކުރީގެ މަގުބޫލު ޕްރެޒެންޓަރ ނަޖުމާ ޙުސައިނަށް


  • ބްރޯޑްކާސްޓިންގެ ދާއިރާއާ ގުޅިވަޑައިގަތީ 1970 ޖުލައި 8ގައި

  • ނަޖުމާއްތަ ވަނީ ހިލޭސާބަހަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި

  • ނަޖުމާއްތަ ހުށަހެޅުއްވި ވާހަކަތައް އަދިވެސް މީހުންގެ މެދުގައި ވަރަށް މަގުބޫލު

ނަޖުމާ ޙުސައިން ނުވަތަ އާންމު ނަމުންނަމަ "ނަޖުމާއްތަ" ބްރޯޑްކާސްޓިންގގެ ދާއިރާއާ ގުޅިވަޑައިގަތީ 1970ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު އެނައުންސަރެއްގެ މަގާމުންނެވެ. އެ ދުވަހުން ފެށިގެން ނަޖުމާއްތަ ވެގެންދިޔައީ ރޭޑިއޯގެ އަޑުއެހުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯއްދަވައި، ވަރަށް ގިނަ ބަޔަކު ބަލައިގަތް ޚިދުމަތްތެރިއަކަށެވެ.

ނަޖުމާއްތަގެ އެންމެ ޚާއްޞަ އެއް ސިފައަކީ އޭނާގެ ރީތި، ހިތްގައިމު އަދި އަސަރުގަދަ އަޑެވެ. ޚާއްޞަކޮށް ވާހަކަ ކިޔުމުގައި އެ ގެންގުޅުއްވާ އާދަޔާ ޚިލާފު ގޮތްތަކާއި، ވާހަކަ ހުށަހަޅައިދޭއިރު އަޑަށް ގެންނަވާ ބަދަލުތަކުގެ ސަބަބުން އެހުންތެރިންގެ ހިތްތައް އެ އަޑަށް ދަމައިގަނެއެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވި "ހަފުތާގެ ވާހަކަ" ސިލްސިލާގައި ނަޖުމާއްތަ ހުށަހެޅުއްވި ވާހަކަތަކަކީ އަދިވެސް މީހުންގެ މެދުގައި ވަރަށް މަގުބޫލު އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދާ އުފެއްދުމެކެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގގެ ދިގު ތާރީޚުގައި ނަޖުމާ ޙުސައިން ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ އަޑުގެ އުދަރެހުން އެރި އެންމެ އަލިގަދަ އެއްތަރި އަދި އެންމެ ނުފޫޒުގަދަ ރޭޑިއޯ ޝަޚްޞިއްޔަތުގެ ގޮތުގައެވެ. ރޭޑިއޯ މެދުވެރިކޮށް ހަމައެކަނި ޚަބަރާއި މައުލޫމާތު ފޯރުކޮށްދެއްވުމުގެ ބަދަލުގައި، ނަޖުމާއްތަ ވެފައިވަނީ ދިވެހި ކޮންމެ ގޭބީސީއެއްގެ އެންމެ ގާތް އެކުވެރިޔާއަށެވެ.

ވާހަކަ ހުށަހެޅުއްވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުގެ އެކިއެކި ޕްރޮގްރާމްތައް އުފެއްދުމުގައިވެސް ނަޖުމާއްތަ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން އިސްލާމީ ތާރީޚާއި، ދިވެހިބަހާއި އަދަބިއްޔާތު ދިރުވުމުގެ ޕްރޮގްރާމްތަކާއި، ގޭތެރޭގެ ދިރިއުޅުމާއި، އާންމު ޞިއްޙަތާއި، ދުޅަހެޔޮކަމާއި، އާބާދީ ތަޢުލީމާ ގުޅޭގޮތުން 50 އަށްވުރެ ގިނަ ޕްރޮގްރާމް ވަނީ ހުށަހަޅުއްވައިދެއްވާފައެވެ އަދި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުވަމުން އައިއިރު، އައު އުފެއްދުންތަކާއި ޕްރޮގްރާމް ފޯމެޓްތައް ތަޢާރުފުކުރައްވައި އެހުންތެރިންގެ މަޤުބޫލުކަން އިތުރުކުރެއްވުމަށްވެސް ނަޖުމާއްތަ ކުރެއްވި މަސައްކަތްތަކީ އެކަމަކަށް ތައުރީފު ހައްގު މަސައްކަތްތަކެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮޑިއުސަރުން ތަމްރީނުކުރުމާއި، ޕްރޮގްރާމްތައް އުފެއްދުމުގެ ފަންނީ ހުނަރުތައް ދަސްކޮށްދެއްވުމުގައިވެސް ނަޖުމާއްތަ ވަނީ މުހިންމު މަސައްކަތްތަކެއް ކުރެއްވާފައެވެ. އަދި ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި، ބަހުރުވައާއި ހުށަހެޅުންތެރިކަން ރަނގަޅުކުރުމަށް މުވައްޒަފުންނަށް ދިން ފަންނީ ލަފައާއި އިރުޝާދަކީ އަދިވެސް އެމީހުން އެކަމަކަށް ޝުކުރުވެރިވާ ކަމެކެވެ.

ނަޖުމާ ޙުސައިނަކީ ހިލޭސާބަހަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭކަނބަލެކެވެ. އެގޮތުން "ޚުލަފާއުއްރާޝިދީންގެ ތެރެއިން އަބޫބަކުރުއްޞިއްދީޤު"، "ރަޙްމަތުގެ ރަސޫލާ، ނަބަވީ ސީރަތާއި، މި ޒަމާނުގެ މައްސަލަތައް"، "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" އަދި "އަހަރުމެން ޚިޔާރުކުރީ އިސްލާމްދީން" ފަދަ ފޮތްތަކަށް ހިލޭސާބަހަށް އަޑު އަޅުއްވައިދެއްވިއެވެ. އަދި އަލްއުސްތާޛު އަލްމަރުޙޫމް މުޙައްމަދު ޖަމީލްދީދީ އެކުލަވައިލެއްވި "އަލްބަޤަރާ" ސޫރަތާއި "އާލިޢިމްރާން" ސޫރަތުގެ ތަފްސީރު، ތަރުޖަމާ ރެކޯޑުކޮށްދެއްވުމުގެ އިތުރުން، ރޭޑިއޯ އެޓޮލްއާއި އިސްލާމީ ވުޒާރާއާ ގުޅިގެން އުފެއްދި ޒަކާތުގެ ޕްރޮގްރާމްތަކަށްވެސް ހިލޭސާބަހަށް އަޑު އަޅުއްވައިދެއްވާފައިވެއެވެ.

އެނައުންސަރެއްގެ މަގާމުން ފެށިގެން ސީނިއަރ އެނައުންސަރުކަމާއި، ޕްރެޒެންޓަރ ޕްރޮޑިއުސަރުކަމާއި، ޕްރޮގްރާމް އޮގަނައިޒަރުކަމާއި، ސީނިއަރ ޕްރޮގްރާމް އޮގަނައިޒަރުކަން، ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރުކަން ފަދަ މުހިންމު އެކި މަގާމުތަކުގައި ހުންނަވާ ނަޖުމާއްތަ ކުރެއްވި ޚިދުމަތްތަކަކީ ރާއްޖޭގެ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ހިތްވަރުދަގަ ބޭކަނބަލެކޭ ބުނެވިދާނެއެވެ. އަދި ކުރެއްވި ދިގު ޚިދުމަތަށްފަހު 1 އެޕްރީލް 2009 ގައި ވަނީ ރިޓަޔަރކޮށްފައެވެ.

ރަސްމީ ޚިދުމަތުން ވަކިވި ނަމަވެސް، މިހާރުވެސް ދިވެހިރާއްޖޭގެ އަޑުން އަދި ޕީއެސްއެމްއިން އެދޭ ކޮންމެ ކަމެއްގައި އެހީތެރިކަން ދެމުންގެންދާކަން ފާހަގަކުރެވެއެވެ. އަދި މިހާރުވެސް ޑިޖިޓަލް މަންސަތަކުގައި ނަޖުމާއްތަ ޓޮޕް އާޓިސްޓެއްގެ ގޮތުގައި ގިންތިކުރެވޭކަމީ އެ އަޑުގެ މަޤުބޫލުކަން އަދުގެ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައިވެސް ދެމިއޮތްކަމުގެ ހެއްކެކެވެ. އަދި ބްރޯޑްކާސްޓިންގގެ ދާއިރާގައި 38 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ބަލައިގަނެ، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ނަޖުމާ ޙުސައިނަށް މިއަހަރު އަރުވާފައިވާކަން ފާހަގަކޮށްލެވެއެވެ.