ކޮލަމްބިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ދިރިތިއްބާ ފެނުމުގެ އުންމީދު ފަނޑުވެއްޖެއެވެ. އޮގަސްޓު 10 ވަނަ ދުވަހު އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.4 ގައެވެ. ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ތިންވަނައަށް އެންމެ ބޮޑު ރަށް ކާލީއަށެވެ. އެ ރަށުން ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް މަޑުޖެހިފައިވާއިރު، ގައު ކުނޑިއާއި ކޮންކުރީޓުތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ދިރިތިއްބާ އިތުރު މީހުން ސަލާމަތް ކުރެވުމުގެ އުންމީދު ފަނޑުވެފައިވީ ނަމަވެސް، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މުޅިން ހުއްޓައިނުލާނެ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާގެ ވެރިޔާ ޑޭވިޑް ތަމާޔޯ ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އައި މި ބިންހެލުމުގައި ގެދޮރާއި، މަދަރުސާތަކުގެ އިތުރުން ހަސްފަތާލުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، 10،500 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މި ކާރިސާގައި 281 މީހުން މަރުވެ، 3،900 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ކާލީ އަދި ޕެރެއިރާއިންނެވެ. މީގެ އިތުރުން، 379 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، ފުރަތަމަ ބިންހެލުމަށްފަހު އެ ސަރަޙައްދުތަކަށް އިތުރު 150 ލޮޅުން އައިސްފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
ބޮޑެތި ރަށްތަކުގެ ބޭރުގައިވާ ކުދި އަވަށްތަކަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމުގައި އިންޓަރނޭޝަނަލް ރެސްކިޔު ކޮމިޓީން (އައިއާރްސީ) ބުނެއެވެ. ބުއެނަވެންޗޫރާ ފަދަ ސަރަޙައްދުތަކުގައި ހަތިޔާރުއެޅި ގުރޫޕްތަކުން ކާބޯތަކެއްޗާއި އެހީގެ ސާމާނު އަތުލައިގަންނަމުންދާ ކަމުގައި ވެސް އައިއާރްސީން ހާމަކުރިއެވެ. އެ ސަރަޙައްދުތަކުގެ ރައްޔިތުން ތިބީ ފެނާއި، ގޭސް އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތަކަށް ބޭނުން ޖެހިފައެވެ. އެ ސަރަޙައްދުތަކުން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ހަށިތައް ހޯދުމަށް، ޢާންމުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ކާރިސާއާ ގުޅިގެން ރައީސް އަބެލަރްދޯ ދެ ލަ އެސްޕްރިއައްޔާ ވަނީ އިޤުތިޞާދީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައި، މަދަރުސާތަކާއި ހަސްފަތާލުތައް އަލުން ބިނާކުރުމަށް ފަންޑެއް އުފައްދަވާނެކަން ހާމަކުރައްވާފައެވެ. މިއީ، ދާދިފަހުން ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އެސްޕްރިއައްޔާއަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު އިމްތިޙާނެއްގެ ގޮތުގައި މަސްރަޙުގެ ދާރިސުން ސިފަކުރެއެވެ. ކޮލަމްބިޔާގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ބޭރު ޤައުމުތަކުން އެހީގެ ސާމާނު ފޮނުވަމުންދާއިރު، އެސްޕްރިއައްޔާގެ ސަރުކާރުން ވަނީ، އޭގެ ތެރެއިން ބަލައިގަންނާނީ ރަސްމީ ޖަމުޢިއްޔާތަކުން ފޮނުވާ ސާމާނު އެކަނި ކަމުގައި ބުނެފައެވެ.