ޚަބަރު

މެދުއިރުމަތީގެ ހަނގުރާމަ: އެމެރިކާގެ ޑްރޯންތަކުގެ %25 ގެއްލިއްޖެ


އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބޭނުންކުރާ އެމްކިޔު-9 ރީޕަރ މަރުކާގެ %25 ޑްރޯން ވައްޓައިލާފައި، ނުވަތަ ގެއްލިފައިވާ ކަން ހާމަވެއްޖެއެވެ. އެމެރިކާ ސަރުކާރުގެ ތިން އޮފިޝަލަކާ ޙަވާލާދީ އެ ޤައުމުގެ ނޫސް، ދި ވޮޝިންގޓަން ޕޯސްޓުން ބުނީ، ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 45 ޑްރޯން ވައްޓައިލާފައި ނުވަތަ ގެއްލިފައިވާ ކަމުގައެވެ. ޖާސޫސް ކުރުމަށާއި ވައިގެ ހަމަލާތައް ދިނުމުގައި ބޭނުންކުރާ ރީޕަރ ޑްރޯންގެ ކޮންމެ އުޅަނދެއްގެ އަގު 30 މިލިޔަން އެމެރިކާ ޑޮލަރާއި 50 މިލިޔަން ޑޮލަރާ ދެމެދުގެ އަގަކަށް އަރައެވެ. އަދި، 45 ޑްރޯން ގެއްލުމާއެކު، ގެއްލުމުގެ އަގު ވަނީ 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ.

ހަނގުރާމައިގެ ތެރެއިން އެމެރިކާގެ އަސްކަރިއްޔާއިން އެންމެ ގިނައިން ރީޕަރ ޑްރޯން ބޭނުން ކުރަމުން ދަނީ ހުރްމުޒް ކަނޑުއޮޅީގެ ސަރަޙައްދުގައެވެ. މިއީ، ލަސް ދުވެއްޔެއްގެ އުޅަނދެކެވެ. އަދި، ތިރިން ދަތުރުކުރުމުގެ ސަބަބުން މިއީ އީރާނުގެ އަސްކަރިއްޔާއަށް ހަމަލާދިނުމަށް ފަސޭހަ އަމާޒެކެވެ. ހުރިހާ ޑްރޯންތަކެއް ވެއްޓިފައި ވަނީ އީރާންގެ ހަމަލާތަކުގައި ނޫން ކަމުގައި މަޞްދަރުތަކުން ބުނެއެވެ. މި ގޮތުން، މުވާޞަލާތީ ޚިދުމަތް ކެނޑި، ބައެއް އުޅަނދުތައް ވެއްޓިފައިވާ ކަމުގައި އެ ފަރާތްތަކުން ބުނެއެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި މި މަރުކާގެ 165 ޑްރޯން އޮތެވެ. އަދި، މެރިން ކޯގައި 20 ޑްރޯން އޮތެވެ. ނަމަވެސް، ވައިގެ ސިފައިންގެ ޑްރޯންތަކުގެ ޢަދަދު މިހާރު 135 އަށް ދަށްވެފައިވާ ކަން އެއަރ ފޯސްގެ ލެފްޓިނެންޓް ޖެނެރަލް ޑޭވިޑް ޓެބޯ މޭ މަހު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބައިވެރިކުރުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން އެ ސަރަޙައްދަށް ފޮނުވުމަށް ނިންމާފައިވާ ކަން ވެސް މަޞްދަރުތަކުން ވަނީ ހާމަކޮށްފައެވެ. އެ މަނަވަރު ފޮނުވުމަށް ހަމަޖެހިފައި ވަނީ، އީރާނާ ދެކޮޅު ހަނގުރާމައިގައި މިހާރު ހަރަކާތްތެރިވަމުންދާ ޔޫއެސްއެސް އެބްރަހަމް ލިންކަންގެ ބަދަލުގައެވެ. އަސްކަރީ އޮޕަރޭޝަނުގައި ލިންކަން މަނަވަރު ފުރާފައި ވަނީ މީގެ 250 ދުވަސް ކުރިންނެވެ. އަދި، ފާއިތުވި 200 ވަރަކަށް ދުވަހުގެ ތެރޭގައި، އެއްވެސް ޤައުމެއްގައި އެ މަނަވަރު ބަނދަރުކޮށްފައެއް ނުވެއެވެ. މި މަނަވަރުގެ މައިގަނޑު އޮޕަރޭޝަނަކީ، އީރާނަށް ވައިގެ ހަމަލާދިނުމާއި، އީރާންގެ ބަނދަރުތައް ޙިޞާރުކުރުމުގެ ނިންމުން ތަންފީޒު ކުރުމެވެ.

ލިންކަންގެ އޮޕަރޭޝަން ދިގުލައިގެން ދިޔުމާއެކު، އޭގައި ތިބި 5,000 އަށްވުރެ ގިނަ ސިފައިންގެ ޢާއިލާތަކާއި، އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ. އަސާސީ ސާމާނު މަދުވުމާއި، ފެން ތަޣައްޔަރުވުމާއި، ނަފުސާނީ ދުޅަހެޔޮކަން ދަށްވުމުގެ މައްސަލަތައް ފާހަގަކުރައްވައި ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގެ މެންބަރު ރިޗަޑް ބްލޫމެންތޯލް ވަނީ ދިފާޢީ ވަޒީރު ޕީޓް ހެގްސްތާއި ކަނޑުގެ ސިފައިންގެ ސެކްރެޓަރީ ހަންގް ކާއޯއަށް ސިޓީއެއް ފޮނުއްވައި، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، އެ ކަމަށް ޖަވާބުދާރީވުމަށް އަންގަވާފައެވެ. ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު މާލިން ސްޓުޓްޒްމަން ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.