ޚަބަރު

"ޕާކިސްތާންގެ ގުޅުމަށް ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭނެ"


  • މިއަަހަރު ފާހަގަކުރަމުން ދަނީ ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަސް

  • ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވި

ޕާކިސްތާނާއެކު އޮތް ޒަމާންވީ ގާތް ގުޅުމަކީ ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަމެއް ދޭ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޕާކިސްތާނުގެ މިނިވަން ދުވަހާއި ގުޅިގެން މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުމަކީ ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަމެއް ދޭ ގުޅުމެއްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެ ދެޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި މަންފާ ލިބިގެންދިއުމަށް އެދޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުވެސް ވަނީ އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އެގޮތުން މިއީ ޕާކިސްތާނުގެ ރައްޔިތުންނަށް އާ އުއްމީދުތަކާއި އުފާވެރިކަން ގެނުވައިދޭނެ މުނާސަބަތެއްކަމަށްވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 14ވަނަ ދުވަހުއެވެ. މިދުވަސް ފާހަކުރަނީ، އޭރު އިންޑިއާ ޕާކިސްތާނު ހިމެނޭ ސަރަހައްދުގައި އިނގިރޭސިން ކުރަމުން އައި ވެރިކަން ނިމި، ޕާކިސްތާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރެވުނު ދުވަހެވެ. މިއަަހަރު ފާހަގަކުރަމުން ދަނީ ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުއެވެ.