9 ނަމްބަރު ޖަރޒީއާއެކު ޒުވާން ފޯވާޑް އެންޑްރިކް ކްލަބްގައި ބަހައްޓަން ރެއާލް މެޑްރިޑުން ނިންމައިފިއެވެ.
ފާއިތުވި ސީޒަންގައި ލޯނު އުސޫލުން ފްރާންސްގެ ލިޔޫންއަށް ދޫކޮށްލި، އެންޑްރިކް ލޯނު އެއްބަސްވުން ހަމަކޮށް، އެނބުރި އައުމުން އޭނާގެ ކުރިމަގާމެދު ސާފް ގޮތެއް އޮތީ ނުނިމިއެވެ. އެކަމަކު ރެއާލްގެ މެނޭޖްމަންޓުންނާއި ކޯޗު މޮރީނިއޯވެސް މިހާރު ވަނީ ޕްރޮޖެކްޓްގައި އެންޑްރިކް ހިމަނަން ނިންމާ ކުޅުންތެރިޔާއާއި އެޖެންޓަށްވެސް އެކަން އަންގާފައެވެ. އެންޑްރިކްވެސް ބޭނުންވީ ރެއާލްގައި މަޑުކޮށް، އޭނާގެ ޖާގައަށް މަސައްކަތްކުރާށެވެ. ރެއާލްގެ ނިންމުމަކީ އެންމެ މަދުވެގެން ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކްލަބްގައި ބެހެއްޓުމެވެ. އެމުއްދަތުގައި އެންޑްރިކަށް ޖެހޭނީ ވަރުގަދަ ފޯވާޑް ލައިނެއް އޮތް ރެއާލްގައި އޭނާގެ ޖާގަ ކަށަވަރުކޮށް، ކޯޗު މޮރީނިއޯއަށް ސާބިތުކޮށްދޭށެވެ.
ޓީމުން ޖާގަ ދިނުމުގެ އިތުރުން މަޝްހޫރު 9 ނަމްބަރު ޖަރޒީވެސް އެންޑްރިކަށް ވަނީ ދީފައެވެ. ލޯނު އުސޫލުން ފްރާންސް ލީގަށް ބަދަލުވުމާ ހަމައަށްވެސް އެނަމްބަރު އޮތީ އެންޑްރިކް އަތުގައެވެ. އެންޑްރިކް ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ލިޔޯންއަށް ބަދަލުވެ މޮޅަށް ކުޅެފައެވެ. ސީޒަންގެ އެއްބައިގައި އެޓީމަށް ކުޅުނު 16 މެޗުން 5 ގޯލް ޖަހާ، 7 ގޯލް ޖަހަން ފުރުޏަތު ތަނަވަސްކޮށްދިނެވެ. ނަތީޖާއެއްގެ ގޮތުން ވަރލްޑްކަޕްގައި ވާދަކުރި ބްރެޒިލް ސްކޮޑުން ޖާގަ ހޯދިއެވެ. އެންޗެލޮޓީ ވަނީ މެޗުތަކުންވެސް އެންޑްރިކަށް ފުރުޞަތު ދީފައެވެ. އެކަމަކު ކްއާޓާ ފައިނަލްގައި ނޯވޭ އަތުން ބްރެޒިލް ބަލިވި މެޗުގައި މުޅިން ހުސް ފުރުޞަތެއް އެންޑްރިކް އަތުން ބޭކާރުވިއެވެ.
އެންޑްރިކް މޮރީނިއޯގެ ޕްރޮޖެކްޓްގައި ހިމެނީ ޕްރިމިއަރ ލީގުގެ އެސްޓަން ވިލާ އާއި އެހެން ބައެއް ޓީމްތަކުންވެސް ލޯނު އުސޫލުން އޭނާ ގެންދަން މަސައްކަތްކުރަމުން ދަނިކޮށެވެ. 20 އަހަރުގެ އެންޑްރިކް ރެއާލްއާ ގުޅެން އެއްބަސްވީ 16 އަހަރުގައެވެ. އެކަމަކު 2024 ވަނަ އަހަރު ރެއާލްއަށް ސޮއިކުރީ 18 އަހަރު ފުރުމުންނެވެ.