ޤައުމީ ވޮލީ ޓީމްގެ ޓްރެއިނަރަކަށް ކުރީގެ ސްރީލަންކާ ޤައުމީ ޓީމްގެ ކޯޗް ކުމާރާ ވެންޑަކުން ހަމަޖައްސާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ސްރީލަންކާގައި ވޮލީ ޓީމް ކޭމްޕް ކުރުމަށް ހަމަޖެހިފައިވާކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ޓީމްގެ ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމާ، ޓީމް ތައްޔާރު ކުރުމަކީ ޓްރެއިންރުގެ ޒިންމާއެއްކަމަށެވެ. ކޯޗްގެ ޒިންމާ އެންމެ ބޮޑުވަނީ މެޗްގެ ތެރޭގައި ޓީމް ލައްވާ ކުޅުވުމާ، އިދިކޮޅު ޓީމްގެ ކުޅުން ދެނެގަނެ، އެޓީމްގެ މައްޗަށް ކުރި ހޯދުމަކީ ޓީމްގެ ކޯޗްގެ އެންމެ ބޮޑު ޒިންމާކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
ލަންކާގެ ކުރީގެ ޤައުމީ ޓީމްގެ ކޯޗް ކުމާރާ ވެންޑަކުން މިއަންނަ މަހުގެ 2ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެކްޒިބިޝަން މެޗް ބަލާލުމަށް މާލެ އަންނާނެކަމަށާ އަދި ލަންކާއަށް ދިއުމަށްފަހު މިއަންނަ މަހުގެ 18ވަނަ ދުވަހު މާލެއައިސް ޓީމް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާނެކަމަށްވެސް ލަތީފް ވިދާޅުވިއެވެ. ޑިސެންބަރު މަހުގެ 22ވަނަ ދުވަހު ފަށާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް އިޝާރާތްކޮށް ލަތީފް ވިދާޅުވީ 1 މަސްދުވަހަކީ މިފަދަ މުބާރާތަކަށް ތައްޔާރުވުމަށް ވަރަށް މަދު ދުވަސްކޮޅެއްކަމަށާ ޚާއްސަކޮށް އެންމެ ފަހުން ބޭއްވުނު މުބާރާތުގައި ރާއްޖެއިން ފައިނަލްގައި ވާދަކޮށްފައިވުމުން، ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންގެވެސް އުއްމީދު ހުރީ ވަރަށް މަތީގައިކަމަށް ލަތީފް ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14774780127451.jpg|އައިއޯއައިޖީގައި ގައުމީ ވޮލީ ޓީމް (ފޯޓޯ:އެމްއޯސީ)
"ލީގާ ގައުމީ މުބާރާތް އަވަސްކޮށްގެން މިމަސައްކަތް ކުރަނީވެސް ސެންޓަރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް. ޓީމް ޕްރެކްޓިސް ނުކޮށް ކާމިޔާބީއަކާ ހިސާބަށް ނާދެވޭނެ. މިމުބާރާތަކީ މީގެ ކުރިން ސިލްވާ މެޑަލް ހޯދާފައި އޮތް މުބާރާތެއް، އެހެންކަމުން މިހާރު ރަން މެޑަލް ހޯދޭތޯ މަސައްކަތް ކުރާނަން، " ލަތީފް ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14774779807311.jpg|އައިއޯއައިޖީގައި ގައުމީ ވޮލީ ޓީމް (ފޯޓޯ:އެމްއޯސީ)
ޤައުމީ ޓީމް ލަންކާގައި ކޭމްޕްކުރުމަށް ހަޖެހިފައިވަނީ މިއަންނަ ނޮވެންބަރު މަހުގެ 25ގައެވެ. އަދި ކޭމްޕް ނިންމާލުމަށްފަހު މާލެ އައުމަށް ހަމަޖެހިފައިވަނީ 17 ޑިސެންބަރުގައެވެ. އަދި މާލޭގައި 1 ދުވަސް މަޑުކުރުމަށްފަހު ސެންޓަރަލް ވޮލީ މުބާރާތުގައި ބައިވެރިވުމަށް 19 ޑިސެންބަރުގައި ޑާކާއަށް ގައުމީ ވޮލީ ޓީމް ފުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ. ސެންޓްރަލް ޒޯމް ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 22 ޑިސެންބަރުގައެވެ.