ފީފާ ވަރލްޑްކަޕްގައި ފްރާންސް ޓީމުގައި މޮޅަށް ކުޅުނު ޑިފެންޑަރު ލުކަސް ޑީނޭ އެނބުރި ކުރީގެ ކްލަބް ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.
ޑީނޭ ޔޫރަޕްގެ ޗެމްޕިއަން ޓީމަށް ބަދަލުވީ 8 އަހަރު އިންގްލެންޑްގައި, ހޭދަކުރުމަށްފަހުއެވެ. ފާއިތުވި ހަތަރު އަހަރު އޭނާ ކުޅުނީ އެސްޓަން ވިލާއަށެވެ. ޕީއެސްޖީން ޑީނޭ ގެންދިޔައީ އެސްޓަން ވިލާއަށް 8.5 މިލިއަން ޕައުންޑް ދީފައެވެ. 33 އަހަރުގެ ވައަތު ބެކް ޕީއެސްޖީއާއެކު ސޮއިކުރީ 3 އަހަރުގެ އެއްބަސްވުމެއްގައެވެ.
ލުކަސް ޑީނޭ އެސްޓަން ވިލާއާ ގުޅުނީ 2022 ވަނަ އަހަރު އެވަޓަން އިންނެވެ. އޭގެކުރިން ކެރިއަރުގެ ކުރީކޮޅު އޭނާ ޕީއެސްޖީގައި 3 އަހަރު ހޭދަކުރިއެވެ. އަށް އަހަރަށް ފަހު އަލުން ޕީއެސްޖީއަށް ސޮއިކުރުމަށްފަހު ޑީނޭ ބުނީ މީގެ ދިހަ އަހަރު ކުރިން ޕީއެސްޖީގައި ކުރި އުފާވެރި ތަޖުރިބާ އަލުން ކުރަން ބޭނުންވާ ކަމަށެވެ. އަދި މިދިޔަ މުއްދަތުގެ ތެރޭގައި ޕީއެސްޖީން ހޯދާފައިވާ ކުރިއެރުންތަކާމެދު ފަޚުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.
ޕީއެސްޖީގައި ލުކަސް ޑީނޭއަށް ޖެހޭނީ ޕޯޗްގަލްގެ ނޫނޯ މެންޑޭޒްއާއެކު ޖާގައަށް ވާދަކުރާށެވެ. ޑީނޭ އެނބުރި ޕީއެސްޖީއަށް އައިރިއު އެކްލަބުން ވަނީ ފާއިތުވި ކުރު މުއްދަތުގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައެވެ. އެންމެ ފަހުން ޕެނަލްޓީގައި އާސެނަލް ބަލިކޮށް ތަށި ހޯދީވެސް ޕީއެސްޖީންނެވެ. މީގެކުރިން ޑީނޭ ވަނީ ޕީއެސްޖީގައި ހޭދަކުރި މުއްދަތުގައި އެކްލަބަށް 30 މެޗު ކުޅެދީފައެވެ. 2016 ވަނަ އަހަރު ޕީއެސްޖީން އޭނާ ބަދަލުވީ ބާސެލޯނާ އަށެވެ.
މިދިޔަ ސީޒަންގައި އެސްޓަން ވިލާއިން ޔޫރޮޕާ ލީގު ހޯދިއިރު ޑީނޭ މުހިއްމު ދައުރެއް އަދާކުރިއެވެ. އެއީ 1996 ވަނަ އަހަރުގެ ފަހުން އެސްޓަން ވިލާއިން ހޯދި ފުރަތަމަ ތަށްޓެވެ. އެކަމަކު އެޓީމުން މިހާތަނަށް ތިން ކުޅުންތެރިއަކު ވަނީ ކްލަބް ދޫކޮށްލާފައެވެ. މީގެކުރިން ކްލަބް ދޫކޮށްލީ ޗެލްސީއަށް ބަދަލުވި މޯގަން ރޮޖަރސް އާއި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ޔޫރީ ޓިއެލެމަންސް އެވެ.