ޚަބަރު

ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި


  • ގދ. އަތޮޅުގައި ތިނަދޫ ސިޓީގެ އިތުރުން ގައްދޫން މިހާރު ޕާސްޕޯޓް ލިބޭނެ

ގދ. ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ގައްދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ. މިއާއެކު ގދ. އަތޮޅުގެ 2 ރަށުން މިހާރު އެ އަތޮޅުގެ ރައްޔިތުންނަށް މިޚިދުމަތް ލިބޭނެއެވެ.

ގދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި ތިނަދޫ ސިޓީ އާއި ގައްދޫ ޚިޔާރުކުރެެވޭނެއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ، މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއްރަށުގައި މިޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން އަންނަނީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ. މިޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.