ޚަބަރު

ކަނޑުތައް ބަލަހައްޓާ އިއްތިހާދުގެ ކޮމާންޑަރަކަށް ސަޢޫދީ އިސްވާރެއް!


ހުޅަނގު އޭޝިޔާގައި ސަރަޙައްދީ ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ ޤާއިމުކުރާ ބައިނަލްއަޤުވާމީ އިއްތިޙާދުގެ ކޮމާންޑަރު ކަމުގެ މަޤާމަށް ސަޢޫދީ ޢަރަބިއްޔާގެ އަސްކަރިއްޔާގެ ރިއަރ އެޑްމިރަލް ޢަބްދުالله ބިން ސާލިމް އަލް-ޝަހްރީ ޢައްޔަން ކޮށްފިއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއިންނެވެ. މި އިއްތިޙާދުގެ މައިގަނޑު މަޤުޞަދަކީ، ބާބް އަލް-މަންދަބް ކަނޑުއޮޅިއާއި ރަތް ކަނޑު އަދި ޢަދަން ކަނޑުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކޮށްދިނުމެވެ. މި ފަދަ އިއްތިޙާދެއް ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ނިންމީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުގެ ނުރައްކާތެރިކަން ބޮޑުވުމާ ގުޅިގެންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއިން ބުނީ، މި އިއްތިޙާދުގެ ކޮމާންޑަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބާބް އަލް-މަންދަބް ކަނޑުއޮޅިއާއި ރަތް ކަނޑު އަދި ޢަދަން ކަނޑުގައި ދިފާޢީ ފިޔަވަޅުތައް ވަރުގަދަކޮށް، ދިފާޢީ ކަންކަން ބެލެހެއްޓުން ހިމެނޭ ކަމުގައެވެ. އަދި، އިއްތިޙާދާ ގުޅިފައިވާ މެންބަރު ޤައުމުތަކާއި، ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅޭ އެހެން އިއްތިޙާދުތަކާ ގުޅުން ބަދަހިކުރުން ހިމެނޭ ކަމުގައެވެ. މީގެ އިތުރުން، އިއްތިޙާދުގެ ޗާޓަރުގެ ދަށުން އަސްކަރީ އޮޕަރޭޝަންތައް އިންތިޒާމުކޮށް ހިންގުމަކީ ވެސް ކޮމާންޑަރުގެ މަސްއޫލިއްޔަތެއް ކަމުގައި އެ ވުޒާރާއިން ބުނެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން އިސްވެ އެކުލަވައިލާ ކަނޑުގެ ލަޝްކަރުގެ އިއްތިޙާދާ ގުޅުމަށް އިތުރު ޤައުމުތަކުން މިހާރު ވެސް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށާއި، އެ ކަމުގެ އިޖުރާތުތައް ފުރިހަމަ ކުރަމުންދާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ހާމަކުރެއެވެ. މި އިއްތިޙާދުގައި ލަނޑުދަނޑިތަކާއި އުސޫލުތަކަށް ޢަމަލުކުރާ ކޮންމެ ޤައުމަކަށް، އިއްތިޙާދުގައި ބައިވެރިވުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އިއްތިޙާދުގައި މިހާތަނަށް ބައިވެރިވެފައިވާ ހުރިހާ ޤައުމެއްގެ ނަންތައް އިޢުލާނު ކުރާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.

މި އިއްތިޙާދުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމަށް ސަޢޫދީ ޢަރަބިއްޔާއާއި ގުޅިފައިވާ ޤައުމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އިއްތިޙާދުގެ ހަރަކާތްތައް ވިލަރެސްކުރާނެ ގޮތްތައް ރޭވުމަށް އޮގަސްޓު 12 އިން 13 އަށް ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ. ބާބް އަލް-މަންދަބް ކަނޑުއޮޅިއާއި ރަތް ކަނޑު އަދި ޢަދަން ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަމާއި، ބައިނަލްއަޤުވާމީ ވިޔަފާރިއާއި، ތެލާއި ގޭސް އުފުލާ މައި މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަޤުޞަދުގައި ސަޢޫދީ ޢަރަބިއްޔާއިން އިސްވެ ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ އިއްތިޙާދުގައި މިހާރު ވެސް 13 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. މި އިއްތިޙާދު ރަސްމީކޮށް އިޢުލާނު ކޮށްފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ.