ޚަބަރު

ފެހި ޤާނޫނުއަސާސީއަށް 18 އަހަރު: ރައްޔިތުން ބާރުވެރިވެ، އެތައް ހައްޤެއް ކަށަވަރުވި


  • ޤާނޫނުއަސާސީ ތަންފީޒުކުރީ 2008 ވަނަ އަހަރު 7 އޮގަސްޓްގައި 6 ވަނަ ދުވަހު

  • ޒަމާނީ ޑިމޮކްރަސީއަށް ލޯހުޅުވައިދީ އެތައް ހައްޤުތަކެއް ކަށަވަަރުކޮށްދިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީއެއް އެކުލަވާލާ ޢަމަލުކުރަން ފަށާފައިވަނީ މީގެ 94 އަހަރު ކުރިންނެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންގެ ވެރިކަމުގައި، 1932ގެ ޑިސެމްބަރ 22ގައި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން މިހާތަނަށް ރާއްޖޭގައި 6 ޤާނޫނުއަސާސީ ހިންގާފައިވެއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ މަސައްކަތަކީ، 2004ވަނަ އަހަރު އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލްޤައްޔޫމް ފެއްޓެވި އިސްލާހީ އެޖެންޑާގެ ތެރޭގައި ހިމެނުނު މުހިންމު މަސައްކަތެކެވެ.

އެ ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވާފައިވަނީ ޒަމާނީ ޑިމޮކްރަސީއަށް ފެތޭ ހައްޤުތައް ސާފުކޮށް ބަޔާންވެފައިވާ ޤާނޫނުއަސާސީއެއް އެކުލަވާލުމުގެ އުއްމީދުގައެވެ. 4 އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ އެ މަރުހަލާގައި، ސިޔާސީ ހަރަކާތްތައް ހިންގުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ މުހިންމު އެތައްކަމެއް ޤާނޫނުއަސާސީގައި ވަނީ ހިމަނާފައެވެ.

އޭރު އެކުލަވާލި ޤާނޫނުއަސާސީއަށް ކިޔާފައިވަނީ ފެހި ޤާނޫނުއަސާސީއެވެ. 2008 ވަނަ އަހަރު 7 އޮގަސްޓްގައި 6 ވަނަ ދުވަހު އެ ޤާނޫނުއަސާސީ ތަސްދީގުކޮށްދެއްވީ އޭރުގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލްޤައްޔޫމެވެ.

14 ބާބާއި 301 މާއްދާއާއި 3 ޖަދުވަލާއި ޖުމްލަ 152 ޞޮފްހާ އެކުލެވިގެންވާ މި ޤާނޫނުއަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށާއި، އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށާއި، އެފަދަ ޤާނޫނެއް ހެދިނަމަވެސް އެއީ ބާޠިލު އެއްޗެއްކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވަނީ ކަނޑައަޅުއްވާފައެވެ.

ފެހި ޤާނޫނުއަސާސީ ވުޖޫދަށް ގެނައީ ދިވެހިންނަށް އެތައް ޙައްޤުތަކަކާއި ބާރުތަކެއް ކަށަވަރުކޮށްދިނުމަށާއި، ވެރިކަމުގެ ނިޒާމާއި ބާރުތަކުގެ ތަފްސީލުތަކާއި އެކުގައެވެ. ދިވެހިންގެ ތެރެއަށް މަލްޓި ޕާޓީ ނުވަތަ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީގެ ނިޒާމެއް ތަޢާރަފުވި ހިސާބަކީވެސް އެއީއެވެ. މިއަދު އަޅުގަނޑުމެން މި ދެކޭ ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ޤާއިމުވީ މި ޤާނޫނުއަސާސީގެ ދަށުންކަމަށްވާއިރު، ދިވެހިރާއްޖޭ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައެޅީވެސް މި ޤާނޫނުއަސާސީގައެވެ.

ވަޒީރުންނާއި ސުވާލުކުރުންފަދަ ޚާއްސަ ސިފަތަކެއް މިޤާނޫނު އަސާސީގައި ހިމެނިގެންވުމަކީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކުރުމަށް ހުޅުވުނު މުހިންމު ދޮރެކެވެ. ފެހި ޤާނޫނުއަސާސީއާއެކު ސިޔާސީ ގޮތުންނާއި ޢިޖްތިމާއީގޮތުން ދިވެހިންނަށް ބާރުވެރިކަން ލިބިގެންދިޔައެވެ.

ފުރަތަމަ ފަހަރަށް ޑިމޮކްރަޓިކް އުސޫލުން ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން 18 އަހަރުން މަތީގެ އެންމެންނަށް ވޯޓުލުމުގެ ޙައްޤު ތަނަވަސްވީ މި ޤާނޫނުއަސާސީގެ ސަބަބުންނެވެ.

މިނިވަން މުއައްސަސާތައް އެކުލަވާލެވި ރައްޔިތުން އިސްކޮށްގެން ޚިދުމަތްތައް ތަރުތީބުކުރަންވެސް މަގުފަހިވިއެވެ. އަދި ފުރަތަމަ ފަހަރަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ބާބެއް ތަޢާރަފްކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ދެ މަޤާމުކަމުގައި ކަނޑައަޅާފައި މިޤާނޫނު އަސާސީގައިވެއެވެ.

މިޤާނޫނު އަސާސީގައި ފުރަތަމަ ފަހަރަށް ތިމާވެށި ޙިމާޔަތްކުރުމުގެ ވާހަކަ ބަޔާންކޮށް ހަޅުތާލު ކުރުމުގެ ޙައްޤާއި، ހަނުހުރުމުގެ ހައްޤާއި ނަރުދަމާ ނިޒާމާއި، ކަރަންޓްގެ ޚިދުމަތް ޤާއިމްވެފައި އޮތުމުގެ ހައްޤުގެވާހަކަ ބަޔާންކޮށްފައިވެއެވެ. ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ބާބެއް ފުރަތަމަ ފަހަރަށް މިޤާނޫނު އަސާސީގައި ހިމަނާފައި ވެއެވެ.

މިއަދު ދިވެހިންނަކީ ޑީމޮކްރަސީއަށް ފަރިތަ، ޙައްޤުތަކަށް ހޭލުންތެރި ބަޔަކަށްވުމުގެ ފެށުން ގުޅެނީ މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސަސީން ލިބިދިން ޙައްޤުތަކާއެވެ. މިއަދު ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމާއި، މުޒާހަރާކުރުމާއި، ޚިޔާލުފާޅުކުރުމަކީ ދިވެހިން ދެކެފަރިތަ ކަންކަމެވެ. މި ހުރިހާ ޙައްޤުތައް ދިވެހިންނަށް ލިބެނީ އެކަންކަން ކަޅާއި ހުދުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވުމުންނެވެ.