ކުޅިވަރު

ޤައުމީ ވޮލީޓީމާއި ދެކޮޅަށް ބިދޭސީ ކުޅުންތެރިން ނިކުންނަނީ


ޤައުމީ ލީގް ފެށުމުގެ ކުރިން މިއަންނަ މަހުގެ 2 ވަނަ ދުވަހު ޚާއްސަ އެގްޒިބިޝަން މެޗެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ވޮލީއަކީ ވަރަށް ގިނަ ބައެއް ބަލާ، އަދި ފޯރިނަގަމުން އަންނަ ކުޅިވަރެއްކަމަށާއި މެދުކެނޑިފައި އޮތް ވޮލީ ފޯރި އަލުން ގެންނަން ޖެހޭކަމަށެވެ. މިއަންނަ މަހުގެ 2ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އެކްޒިބިޝަން މެޗްގައި އެއްކޮޅުން ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޤައުމީ ވޮލީ ޓީމެވެ. އަދި އިދިކޮޅުން ވާދަކުރާނީ ޤައުމީ ވޮލީ ބޯޅަ ލީގްގައި ކުލަބްތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންނެވެ. ދެ ޖިންސަށް ހަމަހަމަ ކުރުމުގެ ގޮތުން އެގްޒިބިޝަން މެޗްގައި އަންހެން އަދި ފިރިހެން މެޗްވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ވީއޭއެމްގެ އެކްސްކޯއަށް އަލަށް ހޮވުނު މެންބަރުންނަކީ ވޮލީ އެހެން ހަރުފަތަކަށް ގެންދިއުމަށް ކެރިގެން މަސައްކަތް ކުރާނެ ފަރާތްތަކެއްކަމަށާ އެގޮތުން އެގްޒިބިޝަން މެޗްމިއީ ފެށުންކަމަށެވެ. އެގްޒިބިޝަން މެޗް ވަރަށް ކުލަގަދަކޮށް ބޭއްވުމަށްވެސް ވިސްނަމުންދާކަމަށާއި މިމެޗްގެ ސަބަބުން ކުރިއަށް އޮތް ލީގްގެ ފޯރި އިތުރަށް ގަދަ ވެގެންދާނެކަމަށް ގަބޫލް ކުރާކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14774217333291.jpg|އައިއޯއައިޖީގައި ގައުމީ ވޮލީ ޓީމް (ފޯޓޯ:އެމްއޯސީ)

"އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ އަބަދުވެސް ބެލުންތެރިންނަށް ރަގަނޅު މެޗްއެއް ދައްކާލެވޭތޯ. ސްޕޯޓަރުންނަކާ ނުލާ ކުޅިވަރެއް ކުރިއަކަށް ނުދާނެ. ބެލުންތެރިންނަށް ރަގަނޅު މެޗްތަކެއް ދެއްކުމުގެ އިތުރުން ވޮލީ ކުޅުންތެރިންނަށް ރަގަނޅު އަދި ވާދަވެރި މެޗްތަކެއް ލިބުމަކީވެސް ވަރަށް މުހިންމުކަމެއް. މީގެއިން އެބަޖެގޭ ވޮލީ ކުޅުންތެރިންނަށްވެސް ފައިދާތަކެއްވާން. ސަޕޯޓަރުންނަކީ އަޅުގަނޑުމެންގެ ހިއްވަރު، ދިވެހި ރައްޖޭގެ ވޮލީގެ އާއިލާ ވަރަށް ބޮޑު އިރާދަކުރެއްވިއްޔާ ވޮލީގެ އާއިލާއަށް އުފާވެރިކަން ގެނެސްދެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ."

img:http://s2.psmnews.mv/images/660x400/14774219618413.jpg|ައައިއޯއައިޖީގައި ގައުމީ ވޮލީ ތީމް (ފޮޓޯ:އެމްއޯސީ)

މިއަންނަ މަހުގެ ދެވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެގްޒިބިޝަން އަންހެން އަދި ފިރިހެން މެޗްގެ ކުރިން ބޮޑުބެރުގެ ހަރަކާތްތަކެއްވެސް އޮންނާނެކަމަށާ މިއަންނަ މަހުގެ 2ވަނަ ދުވަހުގެ ރޭ ކުޅެވޭ އެގްޒިބިޝަން މެޗްގައި ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޓީމްގެ މެޗެވެ. އަދި އެއަށްފަހު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން މެޗްކަމަށް ލަޠީފް ވިދާޅުވިއެވެ.