ކުޅިވަރު

އުރުގުއޭގެ ކޯޗުކަން ފޯލާނަށް


އުރުގުއޭގެ ކޯޗުކަން އެ ގައުމުގެ ކުރީގެ ފޯވަޑް ޑިއެގޯ ފޯލާނަށް ދީފި އެވެ.

އުރުގުއޭގެ ގައުމީ ފުޓްބޯޅަ އިދާރާއިން ބުނީ އެ ގައުމުގެ ކުރީގެ އެއްވަނަ ފޯވަޑް ހަވާލުވާނީ ގައުމީ ޓީމާއި 20 އަހަރުން ދަށުގެ ޓީމާއެކުގައި ކަމަށެވެ. އަދި އަންނަ އޮކްޓޫބަރު މަހާއި ސެޕްޓެމްބަރު އަދި މާޗު މަހު ކުޅޭ އެކުވެރިކަމުގެ މެޗުތައް ނިމެންދެން އޭނާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. ނަމަވެސް މި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވަނީ އޭނާ އަށް ދީފަ އެވެ.

ފޯލާން އަކީ މޮޅު ފޯވަޑެއް ނަމަވެސް ކޯޗިންގައި އޭނާގެ މާބޮޑު ތަޖުރިބާއެއް ނެތެވެ. 2020 ވަނަ އަހަރު ކޯޗުކަން ކުރަން ފެށި ނަމަވެސް މިހާތަނަށް ހަވާލުވި ދެ ކުލަބުން ވެސް ކުރު މުއްދަތެއްގެ ތެރޭގައި ވަކިވީ ނަތީޖާތައް ގޯސްވުމުންނެވެ.

އުމުރުން މިހާރު 47 އަހަރުގެ ފޯލާން އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ އެވެ. އެ މުބާރާތުގައި ފަސް ގޯލު ޖެހި ފޯލާން ވަނީ ގައުމީ ޓީމަށް މިހާތަނަށް 112 މެޗުން 36 ގޯލު ޖަހައިދީފފަ އެވެ.
ނަވާރަ ސަތޭކައިގެ ކުރީކޮޅު ދެ ފަހަރެއްގެ މަތީން ވޯލްޑް ކަޕް ކާމިޔާބު ކުރި އުރުގުއޭ އެންމެ ފަހުން ހޯދި އެންމެ ބޮޑު ކާމިޔާބީ އަކި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. 2011 ވަނަ އަހަރު މި ތަށި ހޯދިއިރު ފޯލާނަކީ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑް ކަޕުގައި އުރުގުއޭގެ ކޯޗުކަން ކުރީ އާޖެންޓީނާގެ އުމުރުން 71 އަހަރުގެ ކޯޗު މާސެލޯ ބިއެލްސާ އެވެ. ނަމަވެސް އޭނާގެ ގެންގުޅުނު ރޭވުންތެރިކަމަށް ވަރަށް ގިނަ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.