ޚަބަރު

އޭދަފުށީ މަގު ހެދުން: ދެވަނަ ފިޔަވަހި ފަށަން ތައްޔާރުވެއްޖެ


  • 5.3 ކިލޯމީޓަރުގެ މަގު ހަދާނެ

  • ރަށުގެ މުހިންމު މަގުތަކެއް ތަރައްޤީކުރޭ

  • ފުރަތަމަ ފިޔަވަހީގެ މަގުތައް ހެދީ 2019ވަނަ އަހަރު

އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

އާރްޑީސީން ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ސައިޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންދާކަމަށެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތުގެދަށުން އޭދަފުށިން އިތުރު 5.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ.

އަދި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި ރޯޑް މާރކިން އަދި ސައިން ބޯޑްތައް ހަރުކުރުން ހިމެނެއެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 75.6 މިލިޔަން ރުފިޔާއަށެވެ. އޭދަފުއްޓަކީ 3500އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.

އޭދަފުށީގެ މަގުހެދުމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދިޔައީ 2019ވަނަ އަހަރުއެވެ. މިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި އޭދަފުށީގައި 22942 އަކަ މީޓަރުގެ ސަރަހައްދެއް އެކުލެވޭހެން 19 މަގެއް ތާރު އަޅާ ތަރައްޤީކޮށްފަވެއެވެ. އެ މަސައްކަތް ކުރިއަށްގެންދިޔައީ 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ މިމަސައްކަތް ހަވާލުކުރީ 34.4 މިލިއަން ރުފިޔާއަށެވެ. މަގުތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.