ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭނާގެ ލީޑަރޝިޕާއި މެދު ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ގިނަ ފަރާތްތަކެއްގެ މެދުގައި އޮތް އިތުބާރު ކުޑަވަމުންދާއިރު މިހާރު ގިނަ ބައެއްގެ މެދުގައި އުފެދޭ ސުވާލަކީ ފީފާގެ ރައީސް ކަމަށް އިންފަންޓީނޯއަށް ގޮންޖަހާލާ އޭނާ އާއި ދެކޮޅަށް ނިކުންނަން ކެރޭނެ ކެނޑިޑޭޓެއް އެބަހުރިތޯ އުފެދޭ ސުވާލެވެ.
މިއަހަރުގެ ކުރީކޮޅު އިންފަންޓީނޯ ވަނީ މިއަންނަ އަހަރު އޮންނަ ފީފާގެ ރައީސް ކަމުގެ އިންތިހާބުގައި އޭނާ ވާދަކުރާނެކަން ހާމަކޮށްފައެވެ. މިހާތަނަށް ފީފާގެ ރައީސް ކަމުގެ މަގާމަށް އެހެން ކެނޑިޑޭޓެއް ވާދަކުރާނެކަން ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފީފާ އާއި އެޖަމްއިއްޔާގެ ރައީސްއަށް ކުރިމަތިލާން ޖެހިފައިވާ ފާޑު ކިޔުންތަކާއި ނުރުހުމުގެ ސަބަބުން މިކަމަށް ބޮޑު ބަދަލެއް އަންނަތަން ފެނިގެން ދިއުމަކީ ނުވުމަށްވުރެ މިހާރު ވުން ގާތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން އަންނަނީ ބުނަމުންނެވެ.
2016 ވަނަ އަހަރު ފީފާގެ ރައީސް ކަމާއި ހަވާލުވި އިންފަންޓީނޯވަނީ އޭގެ ފަހުން 2019 އަދި 2023 ވަނަ އަހަރުވެސް އެއްވެސް ވާދަވެރިކަމަކާއި ކުރިމަތި ލިމެއްނެތި ފީފާގެ ރައީސް ކަމަށް ހޮވިގެން ގޮސްފައެެވެ. އަދި ޖެހިޖެހިގެން ހަތަރު ވަނަ ދައުރަކަށް ކުރިމަތިލާކަން އިންފަންޓީނޯ ހާމަކޮށްފައިވީ ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ރައީސް ކަމަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން މިކަމަށް މިފަހަރު ބަދަލު އަންނާނެކަން މިވަނީ ގާތްގަޑަކަށް ކަޑަވަރު ވެގެން ގޮސްފައެވެ. މިގޮތުން މިހާރު މިބަލާލަނީ ކުރިއަށް މިއޮތް އިންތިހާބުގައި އިންފަންޓީނޯ އާއި ކުރިމަތިލަފާނެކަމަށް މިހާތަނަށް ފާހަގަ ކޮށްލެވިފައިވާ ބައެއް ކެނޑިޑޭޓުންނަށެވެ.
އެލެކްސެންޑަރ ޗެފެރިން (ޔުއޭފާގެ ރައީސް)
ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް، ޔުއޭފާގެ ރައީސް ކަން މިހާރު އަދާކުރަމުންދާ ޗެފެރިން އަކީ އިންފަންޓީނޯ އަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވާނެ ފަރާތްކަމަށްވަނީ ބެލެވިފައެވެ. އިންފަންޓީނޯ އެކޭ އެއްގޮތަށް ސްލޮވީނިއާއަށް ނިސްބަތްވާ ޗެފެރިންވެސް އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޔުއޭފާގެ ރައީސްކަން ކުރަމުންނެވެ. ޗެފެރިން އޭނާގެ ރިޔާސަތުގައި ޔުއޭފާއަށް މާލީ ބޮޑު ކުރިއެރުންތަކެއް ހޯދާދިނުމުގެ އިތުރުން ޔުއޭފާގެ ހިންގުމަށްވެސް ގިނަ ބަދަލުތަކެއް ގެނެސްދީފައެވެ.
ހަމައެއާއެކު ފީފާ އާއި އިންފަންޓީނޯގެ ހުށަހެޅުމާއި ދެކޮޅަށް ޔުއޭފާއިން އިސްވެ ތެދުވެ ލީ ކުރިމަތިލުމުގެ ސަބަބުން ޗެފެރިން މިމަގާމަށް ކުރިމަތިލުމަށް އޮތް ފުރުސަތުވަނީ އިތުރަށް ހަރުދަނާ ވެގެން ގޮސްފައެވެ.
ވިކްޓަރ މޮންޓަގްލިއާނީ (ކޮންކާކަފްގެ ރައީސް)
މޮންޓަގްލިއާނީ އަކީ އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގެ ގޮތުގައި ބެލެވޭ ކޮންފެޑެރޭޝަން އޮފް ނޯތު، ސެންޓްރަލް އެމެރިކާ އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލް، ކޮންކާކަފްގެ ރައީސްގެ އިތުރުން ފީފާގެ ނާއިބް ރައީސްކަންވެސް ކުރަމުން އަންނަ ކެނެޑާގެ ރައްޔިތެކެވެ. މިސަރަހައްދަށް ނިސްބަތްވާ 41 މެމްބަރު އެސޯސިއޭޝަން އެއްބައެއްގެގޮތުގައި ގެންގުޅުމުގެ ޒިންމާ މޮންޓަގްލިއާނީ އަންނަަނީ 2016 ވަނަ އަހަރުން ފެށިގެން ކުރަމުންނެވެ.
ހަމައެއާއެކު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯއަށް ގެނައުމުގައިވެސް މޮންޓަގްލިއާނީ މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށްވެއެވެ. އެހެން ކަމުން މޮންޓަގްލިއާނީއަކީވެސް ބޮޑު ތާއީދެއް އޮތް ފީފާގެ ރައީސް ކަން ކުރުމުގެ ގާބިލްކަން ހުރި ކެނޑިޑޭޓެކެވެ.
ޝެއިޙް ސަލްމާން ބިން އިބްރާހީމް އަލް ޙަލީފާ (އޭއެފްސީގެ ރައީސް)
ބަހްރެއިންގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް ޙަލީފާ ގެންދަވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން، އޭއެފްސީގެ ރައީސްކަން 2013 ވަނަ އަހަރުން ފެށިގެން ކުރައްވަމުންނެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ފީފާގެ އެގްޒެކެޓިވް ލީޑަރޝިޕަށް އިންތިހާބުން ހޮވިވަޑައިގެން މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. ސެއިޙް ސަލްމާންވަނީ ފީފާގެ ސީނިއަރ ނާއިބް ރައިސްކަމަށްވެސް ފަހުން ހޮވިވަޑައިގެންފައެވެ.
ސެއިޙް ސަލްމާން ބިން އިބްރާހީމް އަލް ޙަލީފާވަނީ 2016 ވަނަ އަހަރު ބޭއްވި ފީފާގެ ރީޔާސީ އިންތިހާބުގައި އިންފަންޓީނޯ އާއި ވާދަ ކުރައްވާފައެވެ. ނަމަވެސް އެއިންތިހާބުގައި ލިބިވަޑައިގަތީ 88 ވޯޓެވެ. ނަމަވެސް މިހާރު އިންފަންޓީނޯ ބަލިކުރުމަށް ބޭނުންވާ ވަރަށް ވޯޓު ލިބިވަޑައިގެންނެވުމަކީ ވަރަށް ގާތް ކަމެކެވެ. އަދި މިއިންތިހާބުގައި ޝެއިޙް ސަލްމާން ބިން އިބްރާހީމް އަލް ޙަލީފާ ވާދަކުރައްވަން ނިންމަވައިފިނަމަ އޭނާ ވަރަށް ވަރުގަދަ ކެނޑިޑޭޑަކަށް ވެޑައިގެންނެވުން ވަރަށް ގާތެވެ.
ނާސެރު އަލް ޙަލައިފީ (ޕީއެސްޖީގެ ޗެއާމަން އަދި ރައީސް)
ނާސެރު އަލް ޙަލައިފީއަކީ މީގެކުރިން މިފާހަގަ ކުރި ކެނޑިޑޭޓުންނާއި އަޅާބަލާއިރު ތަންކޮޅެއް ތަފާތު ޕްރޮފައިލެއް އޮތް ކެނޑިޑޭޓެކެވެ. ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިންގެ ޗެއާމަން އަދި ރައީސް ކަން ކުރަމުންދާ އެލީޓު ކްލަބް ފުޓްބޯޅައިގެ އިތުރުން ބްރޯޑްކާސްޓިންގގެ ދާއިރާއިން ގިނަ ކާމިޔާބީ ތަކެއް ހާސިލް ކޮށްފައިވާ ފަރާތެކެވެ. ނާސެރު އަލް ޙަލައިފާއަކީ ޕީއެސްޖީގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރަމުން އަންނަ ފަރާތެވެ. އަދި ޕީއެސްޖީ ޔޫރަޕްގެ އިތުރުން ދުނިޔޭގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކްލަބަށް ހެދުމުގެ ފަހަތުގައިވެސް ނާސެރު އަލް ޙަލައިފީވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ލީސާ ކްލެވަނެސް (ނޯވީޖިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސާ)
ލީސާ ކްލެވެނެސްއަކީ ނޯވީޖިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސާގެ އިތުރުން ޔުއޭފާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރެކެވެ. ލީސާވަނީ ނޯވޭގެ ފެޑެރޭޝަންގެ ރައީސާކަމަށް މިއަހަރު ދެވަނަ ދައުރަކަށް ހޮވިފައެވެ. ލީސާއަކީ ފީފާ އަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ފަރާތެވެ. މިގޮތުން 2022 ވަނަ އަހަރު ދޯހާގައި ބޭއްވި ފީފާ ކޮންގްރެސްގައި ލީސާވަނީ ޤަތަރުގައި ވޯލްޑް ކަޕް ބޭއްވުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ފީފާގެ އެތެރޭގެ ކޮރަޕްޝަނާއި ހިންގުމުގެ ކަންތައްތަކާއި އިންސާނީ ހައްގުގެ ކަންތައްތަކުގައި ލީސާ ވަކާލާތުކުރަމުންދާ ދިއުމުގެ ސަބަބުން އޭނާއަށް ގިނަ ފަރާތްތަކެއްގެ ތައީދު ލިބިގެންވެއެވެ.