އިންޑޮނޭޝިޔާގެ މަޑޫރާ ޖަޒީރާ ކައިރިން ދަތުރުކުރި ފެރީއެއްގައި އަލިފާން ރޯވެ، ފަސް މީހުން މަރުވެ، އިތުރު 41 މީހުން ގެއްލިއްޖެއެވެ. އިރުމަތީ ޖާވާގެ ސުރަބަޔާއިން ދެކުނު ސުލަވެސީގެ މަކަސާއަށް ދަތުރުކުރި 'މުތިއަރާ ސަންތޯސާ 2' ގެ ނަން ދީފައިވާ ފެރީގައި އަލިފާން ރޯވީ އޮގަސްޓު 2 ވަނަ ދުވަހުގެ ހެނދުނު އެ ޤައުމުގެ ގަޑިން 6:00 އާއި 7:00 އާ ދެމެދުއެވެ. މަޑޫރާ ޖަޒީރާއަކީ ޖާވާގެ އިރުއުތުރު އައްސޭރިފަށުގައި އޮންނަ ރަށެކެވެ. މި ހާދިސާ ހިނގި ވަގުތު އުޅަނދުގައި ޖުމުލަ 271 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 232 ފަސިންޖަރުންނާއި 39 ފަޅުވެރިން ކަމުގައި އެ ޤައުމުގެ ނޭޝަނަލް ސަރޗް އެންޑް ރެސްކިއު އޭޖެންސީން ބުނެއެވެ.
މަޑޫރާ ޖަޒީރާގެ އުތުރު ބިތާ ކައިރިން އުޅަނދުގައި ރޯވިކަން ކެޕްޓަން ރިޕޯޓުކުރުމުން، ފެރީ އޮޕަރޭޓުކުރާ ކުންފުނިން ވަގުތުން ސަލާމަތީ ޚިދުމަތްތަކަށް އެ ކަން އަންގާފައިވެއެވެ. ނަމަވެސް، އޭގެ ވަގުތުކޮޅެއް ފަހުން ފެރީއާ މުވާޞަލާތީ ގުޅުން ކެނޑުނު ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަލިފާން ރޯވި ފެރީ އޮތް ހިސާބު ދެނެގަނެވިފައި ވަނީ، އެ ސަރަޙައްދުން ދަތުރުކުރި މުދާއުފުޅާ އުޅަނދެއްގެ އެހީތެރިކަމާ އެކުގައެވެ. ފެރީ ފެނިފައި ވަނީ ބުރުއާން ސަޕުދީ ޖަޒީރާގެ އުތުރުން 19 ނޯޓިކަލް މޭލު ދުރުންނެވެ. ނަަމަވެސް، އުޅަނދުގައި އަލިފާންހިފާ ޒާތުގެ މުދާ ހުރުމާ ގުޅިގެން، ފެރީގައި ތިބި މީހުން ސަލާމަތްކުރުމަށް ވަނީ ހުރަސްއެޅިފައެވެ.
އަލިފާނުގެ ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯތައް މީސްމީޑިއާގެ މަންސަތަކުގައި ޝާއިޢުކޮށްފައިވާއިރު، އަލިފާނުން ސަލާމަތްވުމަށް ފެރީގައި ތިބި ބައެއް ފަސިންޖަރުން ކަނޑަށް ފުންމައިލާ މަންޒަރު ފެނެއެވެ. ފެރީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށުނުއިރު، އޭގެ ހުރިހާ ހިސާބަކަށް އަލިފާންގަނޑު ފެތުރިފައިވާ ކަމުގައި އިންޑޮނޭޝިޔާގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. ފެރީގައި ތިބި މީހުންގެ ތެރެއިން 225 މީހުން ސަލާމަތް ކުރެވިފައި ވަނީ މެންދުރުން އެނބުރުނު ފަހުންނެވެ. މަރުވެފައިވާ ފަސް މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާއިރު، އިތުރު 41 މީހަކު އަދިވެސް ނުފެނެއެވެ.
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކުއްލި ޙާލަތްތަކުގެ ހަރަކާތްތެރިވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި ބައިވެރިވުމަށް އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ވަނީ މަނަވަރެއް ވެސް ފޮނުވާފައެވެ. ފެރީގައި އަލިފާން ރޯވި ސަބަބު ދެނެގަނެވިފައިނުވާއިރު، 17،000 އަށްވުރެ ގިނަ ޖަޒީރާ އެކުލެވޭ އިންޑޮނޭޝިޔާގައި ސަލާމަތީ ޤަވާޢިދުތަކަށް ފަރުވާކުޑަކުރުމާއި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގައެވެ.