ޚަބަރު

ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ 6 އަހަރު 835 މިލިޔަން ރުފިޔާ


  • 19،265 އެޕްލިކޭޝަންގެ ތެރެއިން 16،388 ދަރިވަރަކަށް ކިޔެވުމަށް ފުރުޞަތުދިން

  • ޑިގްރީ ފުރިހަމަ ކުރި ދަރިވަރުންގެ އަދަދު ސާފުވާން ނެތްކަން އޮޑިޓުން ފާހަގަކުރި

ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ 6 އަހަރުގެ ތެރޭގައި 835 މިލިޔަން ރުފިޔާ ހޭދަކުރިނަމަވެސް ޑިގްރީ ފުރިހަމަ ކުރި ދަރިވަރުންގެ އަދަދު ސާފުވާން ނެތް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި އޮޑިޓްގައި ބަލާފައިވަނީ 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 14 އިން 2024 ވަނަ އަހަރަރުގެ ނިޔަލަށް ކުރި މަސައްކަތަށެވެ.

އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މިދިޔަ 6 އަހަރުގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް އެވްރެޖްކޮށް އަހަރަކަށް 139.2 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވެއެވެ. އެ މުއްދަތުގައި ހިލޭ ޑިގްރީއަށް ކިޔެވުމަށް 19،265 އެޕްލިކޭޝަނެއް ލިބިފައިވާއިރު އޭގެ ތެރެއިން 16،388 ދަރިވަރަކަށް ކިޔެވުމަށް ފުރުޞަތު ދީފައިވެއެވެ. އެ ދަރިވަރުންނަށް ދައުލަތުގެ ބެޖެޓުން 835.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިާވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. ނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލްކުރި ދަރިވަރުންގެ އަދަދު އެނގޭނެހެން މަޢުލޫމާތު ބަލަހައްޓަމުން ގޮސްފައެއް ނުވެއެވެ.

މި ސްކީމަށް އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ 2022 އާއި 2023 ވަނަ އަހަރުއެވެ. އެ ދެ އަހަރު ހިލޭ ޑިގްރީ ސްކީމަށް 163 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ސްކީމު ފެށި ފަހުން 5 އަހަރު ތެރޭގައި ކޮންމެ އަހަރަކުވެސް ސްކީމަށް ކުރި ހޭދަވަނީ އިތުރުވެފައެވެ.

ހިލޭ ޑިގްރީ ސްކީމަށް ކުރި ޚަރަދު:

• 2019: 85 މިލިޔަން ރުފިޔާ
• 2020: 132.6 މިލިޔަން ރުފިޔާ
• 2021: 141.3 މިލިޔަން ރުފިޔާ
• 2022: 163 މިލިޔަން ރުފިޔާ
• 2023: 163.1 މިލިޔަން ރުފިޔާ
• 2024: 150.3 މިލިޔަން ރުފިޔާ

ސްކީމުގައި ބައިވެރި 790 ދަރިވަރަކަށް 19 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ދަރިވަރުން ޕްރޮގްރާމު ފުރިހަމަ ނުކުރާކަން ފާހަގަކުރެވިފައިވީނަމަވެސް އެ ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިނުވާކަން އޮޑިޓުން ފާހަގަކުރެއެވެ.

ސްކީމުގައި ބައިވެރިވާ ކުދިންނަކީ ކުރިން ޑިގްރީ ފުރިހަމަ ކޮށްފައިވާ ކުދިންކަން ބެލޭނެ ނިޒާމެއް ނެތުމުން ކުރިން ޑިގްރީ ފުރިހަމަކޮށްފައިވާ 271 ފަރާތަކަށް އިތުރު ޑިގްރީ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް 9.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޮޑިޓުން ފާހަގަކުރާ ގޮތުގައި ރާއްޖޭގައި ބިދޭސީން އެންމެ ގިނައިން މަސައްކަތްކުރާކަމަށް ގިންތިކޮށްފައިވާ ދާއިރާތަކުން ސްކީމްގެ ދަށުން ކިޔަވާފައިވާ ދަރިވަރުންގެ ނިސްބަތް މަދެވެ. އަދި ފިރިހެން ދަރިވަރުންގެ މެދުގައި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް މަޤުބޫލުކަމަށް ފާހަގަކުރެވިފައިވާއިރު މި ސްކީމްގެ ދަށުން މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިމަނާފައިނުވެއެވެ.

އޮޑިޓް ރިޕޯޓުގައިވާގޮތުން ސްކީމުގެ ދަށުން ދަރިވަރުން ކިޔަވަމުން ދިޔަ ނަމަވެސް، ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު އިތުރުވިއެވެ. އެގޮތުން ދަރިވަރުންގެ ޖީބުން 60،000 ރުފިޔާއަށްވުރެ އިތުރަށް ޚަރަދުކުރަންޖެހޭ ޕްރޮގްރާމްތަކުގެ ނިސްބަތް %15އިން %46 އަށް ވަނީ އިތުރުވެފައެވެ.

އޮޑިޓަރ ޖެނަރަލް ވަނީ މި ރިޕޯޓުން ފާހަގަވި ކަންކަން އިސްލާޙުކުރުމަށް ލަފާދީފައެވެ. އެގޮތުން މި ސްކީމުން ކިޔަވާ ދަރިވަރުންނާއި ކޯސް ފުރިހަމަ ނުކުރާ ދަރިވަރުންގެ މަޢުލޫމާތު ހޯދާ ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމަށް ލަފާދީފައެވެ. އަދި ޕްރޮގްރާމް ފުރިހަމަ ނުކޮށް ހުއްޓާލާފައިވާ މީހުން ދެނެގަނެ އެމީހުންނަށް ހޭދަވެފައިވާ ފައިސާ އަނބުރާ ހޯދުމަށް ލަފާދީފައިވެއެވެ.

މީގެ އުތުރުން އެންމެ ބޭނުންތެރި ދާއިރާތަކަށް އިސްކަންދެވޭނެހެން ސްކީމް ބައްޓަންކުރުމަށްޓަކައި ސްކީމް ހިންގާ ގޮތް މުރާޖާ ކުރުމުގެ އިތުރުން ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމަތައް ހިމެނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ތަންފީޒުކުރުމަށް ލަފާދީފައިވެއެވެ.