ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ، މާދަމާއިން ފެށިގެން އަލިވާން ފަށާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓްއޮރޮލޮޖިސްޓް އަޒީމާ އަޙުމަދު ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
އޭނާ ވިދާޅުވީ، އެންމެ ވައިގަދަވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށްކަމަށެވެ. އެ ސަރަހައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ.
އަޒީމާ ވިދާޅުވީ، މިރެއާއި މާދަމާގެ ހެނދުނުވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ. އެހެންނަމަވެސް މާދަމާ މެންދުރުފަހުން ފެށިގެން ވައިމަޑުވާން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިރެއާއި މާދަމާވެސް ބޮޑަށް ހެނދުނު ވައިގަދަކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްކަށްވެސް ކަނޑުތައް ގަދަވާނެ. އެހެންނަމަވެސް މާދަމާގެ މެންދުރު ފަހުން ފެށިގެން ވައި މަޑުވުމުގެ ފުރުސަތު އޮތްކަމަށް ދައްކަނީ." އަޒީމާ ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.